ވިޔަފާރި

ވިލިމާލޭ ކަރަންޓް ވިއުގަ އަޕްގްރޭޓް ކުރުމަށް ދިރާސާ ފަށައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވިލިމާލޭގެ ކަރަންޓުގެ ހާލަތު ދިރާސާކޮށް، ކަރަންޓުގެ ވިއުގަ މަރާމާތުކުރުމަށާއި އިތުރަށް ތަރައްޤީކުރުމަށް ސްޓެލްކޯ އަދި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވާރަމަންޓް އެންޑް އެނަރޖީ ދެމެދު އެއްބަސްވުމެއް ގާއިމުކޮށްފިއެވެ.

Ads by Hajj Corporation

ސްޓެލްކޯއިން ބުނެފައިވާގޮތުން ސްޓެލްކޯ އަދި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވާރަމަންޓް އެންޑް އެނަރޖީ ދެމެދު ވިލިމާލޭގެ ކަރަންޓުގެ ދަތިތައް ހައްލުކުރުމަށްޓަކައި މަސައްކަތްކުރުމަށް އެއްބަސްވުމެއް ގާއިމުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގައެވެ. ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީކަމަށްވާއިރު، މިނިސްޓްރީ އޮފް ކްލައިމޭޓް ޗޭންޖް، އެންވާރަމަންޓް، އެންޑް އެނަރޖީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ޠާރިޤް އިބްރާހިމްއެވެ.
އެ ކުންފުނިން ބުނެފައިވާގޮތުން އެއްބަސްވުމުގެ މަގުސަދަކީ މިހާރު ވިލިމާލޭގައި އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ކަރަންޓުގެ ހިދުމަތްތައް ފޯރުކޮށްދީ ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ނިޒާމުގައި ހުރި މައްސަލަތައްވެސް ހައްލުކުރުމަށް ކުރަން ހުރި މަސައްކަތްތައް ދެނެގަނެ ކުރިއަށް އޮތް 20 އަހަރު ދުވަހަށް ޑިމާންޑު އިތުރުވެގެންދާނެ މިންވަރާއި ނިޒާމުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރަން ހުރި މަސައްކަތްތަކުގެ އިތުރުން މަރާމާތުކުރުމަށާއި އެހެނިހެން ބޭނުންތެރި ކަންކަމަށްވެސް މަޝްރޫއެއް އެކުލަވާލާ ތަންފީޒުކުރާނެ ގޮތުގެ އެކްޝަން ޕްލޭނެ އެކުލަވާލުމެވެ.

ވިލިމާލޭގެ ލޭންޑް ޔޫސް ޕްލޭންގެ މަޢުލޫމާތު ކަމާގުޅޭވުޒާރާ މެދުވެރިކޮށް ފޯރުކޮށްދިނުމާއި، ހަކަތައާއި ފެނާއި ނަރުދަމާގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ހާމަކޮށްދިނުމާއި، ސަރުކާރުގެ އެކި މުއައްސަސާތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދުމުގައި އެހީތެރިވެދިނުމާއި، ފަހުމުނާމާގެ ދަށުން ތައްޔާރުކުރެވޭ ތައްޔާރުކުރެވޭ މަޝްރޫޢުއާއި އެކްޝަންޕްލޭން އިކްނޮމިކް ކައުންސިލަށް ހުށައަޅައި އެ ކައުންސިލުގެ އެންޑޯސްމަންޓް ހޯދައިދިނުމަކީވެސް ކުރެވިގެންދާނެ މަސައްކަތެއްކަމަށް ސްޓެލްކޯއިން ހިއްސާކޮށްފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!