ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އެއް ނަންބަރު މާކެޓަށް ޗައިނާ ހެދުމަށް އަމާޒު ހިފައިފި
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އެއް ނަންބަރު މާކެޓަށް ޗައިނާ ހެދުމުގެ ޚާއްޞަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޗައިނާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި އެމަނިކުފާނާއެކު އެ ގައުމަށް ވަޑައިގެން ދެއްވި އިންޓަވިއުއެއްގައެވެ.
ފައިސަލް ވިދާޅުވީ ޗައިނާއިން ޑައިރެކްޓު ފްލައިޓުތަކާއި އިތުރު އެއަރލައިން ފެށޭނެ ގޮތާއި ގުޅޭގޮތުން މިހާރު މަޝްވަރާކުރަމުންދާ ކަމަށާއި އެކުރާ މަސައްކަތުގެ ނަތީޖާ ވަރަށް ރަނގަޅުވާނެކަމަށެވެ. އަދި ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޑެސްޓިނޭޝަނަށް ވެގެންދާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ޤަބޫލުކުރެވެނީ މިކުރާ މަސައްކަތުގެ ނަތީޖާ ވަރަށް ރަނގަޅުވާނެކަމަށް. އަދި ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޑެސްޓިނޭޝަނަށް ވެގެންދާނެކަމަށް" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ސަރުކާރާއި ޗައިނާއާ އޮތް ގުޅުމަށް ބަލާއިރު މި އަހަރު ރާއްޖެއަށް ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން އަންނާނެ ކަމަށެވެ. އަދި ޗައިނާއަށް ޓާކެޓުކޮށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާ ކަމަށާއި މި އަހަރު ވެގެންދާނީ ރާއްޖޭގެ ތަރައްގީ އިތުރު ހަރުފަތަކަށް ގެންދެވޭނެ އަހަރަކަށް ކަމަށް ފައިސަލް ވިދާޅުވިއެވެ.