ރައީސް ޔާމީންގެ ޕީއެންއެފް އިން އެދުނީ ރޯދައިގެ ފަހުން މަޖިލިސް އިންތިޚާބު ބާއްވައިދޭން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުން ބޭއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަލަށް އުފައްދަވަން މަސައްކަތް ކުރައްވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ގޮވާލައިފިއެވެ.
މަޖިލިސް އިންތިޚާބު ބާއްވަން ހަމަޖެހިފައި ވަނީ މާޗު 17 ގަ އެވެ.
އިލެކްޝަންސް ކޮމިޝަނާ ބައްދަލުކުރުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ރޯދަ މަހުގެ ތެރޭގައި މިފަދަ އިންތިހާބެއް ބޭއްވުމަކީ ވޯޓުލާން ނިކުންނަ މީހުންގެ ނިސްބަތް މަދުވުމާއި އިންތިހާބުގެ ކަންކަމުގައި ހަރަކާތްތެރިވާ މީހުންނަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހޭނެ ކަމެއް ކަމަށެވެ.
ރާއްޖޭގެ ހުރިހާ ބޮޑެތި ސިޔާސީ ޕާޓީތަކުން ވެސް ރޯދަމަސް ތެރޭ އެ އިންތިހާބު ބާއްވަން ދެކޮޅު ކަމަށާއި އެގޮތުން ރޯދައިގެ ފަހަށް މަޖިލިސް އިންތިހާބު ފަސްކޮށްދޭން އިލެކްޝަންސް ކޮމިޝަނުގައި މިއަދު އެދިފައިވާނެ ކަމަށް މަލީހު ވިދާޅުވި އެވެ.
މަޖިލިސް އިންތިހާބުގައި ވާދަކުރަން މި މަހުގެ 30 ގައި ހުޅުވައިލާނެ އެވެ. ވިހި ވަނަ މަޖިލީހަށް ޖުމްލަ 93 މެންބަރަކު އިންތިހާބު ކުރާނެ އެވެ. މިފަހަރުގެ އިންތިހާބުގައި 284،327 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.