އިމަޖެންސީ ކޭސްތަކަށް އިސްކަންދޭ ގޮތަށް އުސޫލު ބަދަލުކޮށްފި

އިމަޖެންސީ ކޭސްތަކަށް އިސްކަންދޭ ގޮތަށް މޯލްޑިވިއަންގެ އުސޫލު ބަދަލުކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަމީން މިހެން ވިދާޅުވެފައިމިވަނީ ގއ. ވިލިނގިލިން ހާލު ދެރަވެގެން މާލެ ނުގެނެވި ލަސްވި ކުޑަ ކުއްޖަކު ނިޔާވި މައްސަލައާ ގުޅިގެން ސަރުކާރަށް ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.
އުމުރުން 13 އަހަރުގެ އެ ކުއްޖާ ނިޔާވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އައިޖީއެމްއެޗް ހޮސްޕިޓަލަށެވެ. އެ ކުއްޖާގެ ހާލު ދެރަވެގެން މާލެ ގެންދަން ޑޮކްޓަރުން ލަފާދިން ނަމަވެސް ފުރުމުގެ އިންތިޒާމްތައް ހަމަނުޖެހިގެން އެ ކުއްޖާ މާލެ ގެނެވުނީ 16 ގަޑިއިރު ފަހުންނެވެ. އެ ކުއްޖާ އިތުރު ފަރުވާ އަށް މާލެ ގެނައުން ލަސްވީ ޗާޓަރު ފްލައިޓެއް ހަމަނުޖެހި ލަސްވުމުންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީން ވިދާޅުވީ މިއަދުން ފެށިގެން މޯލްޑިވިއަންގެ އުޞޫލަށް ބަދަލުގެނެވި، އިމަޖެންސީ ކޭސްއެއް އަތުވެއްޖެނަމަ، ފްލައިޓް ޝެޑިއުލުން އެންމެ އިސްކަމެއް ދީގެން އިމަޖެންސީކޮށް އުފުލަންޖެހޭ ފަރާތް އުފުލާ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލަކުން އިމަޖެންސީ ކޭސްއެއްގެ މަޢުލޫމާތު ލިބުމާއެކު މޯލްޑިވިއަންގެ އެންމެ އިސްކަމަކަށް ވާނީ، އިމަޖެންސީގައި އުފުލަންޖެހޭ ފަރާތް އުފުލުން ކަމަށް އަމީން ވިދާޅުވި އެވެ.
އެ ކުއްޖާ މާލެ ގެނައުން ލަސްވާތީ ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލު ކައިރީ މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުން ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.