ޔާމީން އަނެއްކާވެސް ޕީއެންއެފްގެ ޖަލްސާއެއްގައި
ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިނުގަތުމަށް ކަރެކްޝަންސް އިން ތަކުރާރުކޮށް އަންގާފައި ވަނިކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވެސް ސިޔާސީ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންފިއެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީން މިހާރު ހުންނެވީ ރަށު ބަންދުގައި ކަމުގައިވީ ނަމަވެސް ސިޔާސީ ހަރަކާތްތަކުގައި އުޅުއްވުން ވަނީ މަނާކޮށްފައެވެ. އެމަނިކުފާނު އުފެއްދެވި އާ ސިޔާސީ ޕާޓީ ޕީއެންއެފްގެ ޖަލްސާއެއްގައި މީގެ ކުރިން ބައިވެރިވެވަޑައިގެންނެވުމާއި ގުޅިގެން ކަރެކްޝަންސް އިން ވަނީ ޔާމީންގެ މައްސަލަ ބަލާފައެވެ.
ޔާމީންގެ ބަންދަށް އެންމެފަހުން ލުއިތަކެއް ދިނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ.
ޕީއެންފްގެ ފަރާތުން ކުރިއަށްއޮތް މަޖިލީސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއެކު އެ ޕާޓީގެ އޮފީހުގައި ބޭއްވި ޖަލްސާގައި ޔާމީން ވަނީ ކެންޑިޑޭޓުންނާ ގައުމީ އެކި މައްސަލަތަކުގައި ސުވާލު ކުރައްވާފައެވެ. އެ ކެންޑިޑޭޓުން އެމަނިކުފާނުގެ ސުވާލުތަކަށް ޖަވާބު ވެސް ދީފައިވެއެވެ.
އެ ޖަލްސާގައި ކުރީގެ ނައިބު ރައީސް އަދި ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާފައިވާއިރު، އީސީން މަޖިލީސް އިންތިހާބު ރޯދަ މަހު ބޭއްވުމާއި ގުޅޭ ގޮތުން ޔާމީން ވަނީ ޖަމީލާ ސުވާލުކުރައްވާފައެވެ.
ޔާމީން ވިދާޅުވި ގޮތުގައި މަޖިލީހުގެ ދައުރު ނިމެނީ އަންނަ މެއި މަހުގެ 29 ވަނަ ދުވަހު ކަމަށާއި ގާނޫނަކުން މަޖިލީހުގެ ދައުރު ދެންމުމަކީ އެމަނިކުފާނު ތާއީދުކުރައްވާ ކަމެއް ނޫނެވެ. އާ މަޖިލީހުގެ ދައުރުގެ އެއް މަސްދުވަސް ކުރިން މެންބަރުން ހޮވަން ޖެހޭ ގޮތަށް ގާނޫނުގައި ބުނެފައިވީ ނަމަވެސް، އެ އަންނަނީ ހާއްސަ ހާލަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.