ޚަބަރު

ޓިކެޓު ހޯދަން އެދުނު އެންމެންނަށް ކޮންގްރެސް ޕްރައިމަރީގައި ވާދަކުރެވޭ ގޮތް ހަދައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕީޕީއެމް/ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރުމަށް އެދުނު އެންމެންނަށް ޕްރައިމަރީގައި ވާދަކުރެވޭ ގޮތަށް އެ ޕާޓީން ނިންމައިފިއެވެ.

Ads by STELCO

ކޮންގްރެސް ޕާޓީގެ ޗެއަރމަން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, ކޮންގްރެސް ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވަން ނަން ހުށަހެޅުއްވި ބައެއް ބޭފުޅުންނަށް ކުރިމަތި ނުލެވޭގޮތަށް ނިންމުމާ ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ރިޢާޔަތް ކުރެއްވުމަށްފަހު، ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅުއްވި ހުރިހައި ބޭފުޅުންނަށް ވާދަކުރެއްވޭގޮތަށް ޕްރައިމަރީ ބާއްވަން އެ ޕާޓީގެ ރައީސް،ރައީސް ޑރ.މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށެވެ.

އަންނަ ހޮނިހިރު ދުވަހު ކޮންގްރެސް ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވާއިރު, އިއްޔެ އެ ޕާޓީން ވަނީ ބައެއް ކެނޑިޑޭޓުންގެ ކެނޑިޑަސީ ބާތިލްކޮށް އެކަން ކެނޑިޑޭޓުންނަށް އަންގާފައެވެ. ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ޕާޓީއަށް އެކަށީގެންވާ ވަރަށް ޚިދުމަތް ނުކުރުމާއި, ފިތުނަ އުފައްދަން މަސައްކަތް ކުރުމެވެ. މިއަދުގެ ނިންމުމާއެކު އެ ކެނޑިޑޭޓުންނަށް ވެސް ޕްރައިމަރީގައި ބައިވެރިވެވޭނެއެވެ.

ޕީޕީއެމް/ޕީއެންސީ ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. އެ ޕްރައިމަރީގައި ވާދަކުރުމަށް 354 ފޯމު ވަނީ ހުށަހަޅައިފައެވެ.

މަޖިލިސް އިންތިޚާބުގެ ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް އެ ކޯލިޝަނުން ވަނީ ނިންމާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!