ސިޔާސީ ކުޅި ސަމާސާގެ ތެރޭގައި ރައްޔިތުން ތާށި ކުރަން ފުރުސަތު ނުދޭނަން: ރައީސް
ކައުންސިލާއި ސަރުކާރާ ދެމެދު ހިނގާ ސިޔާސީ ކުޅި ސަމާސާއެއްގެ ތެރޭގައި ރައްޔިތުން ތާށިވުމުގެ ފުރުސަތު ނުދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މާލޭ ސިޓީގެ އާ މޭޔަރު އާދަމް އާޒިމް ހުވާކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, މާލޭގެ ރައްޔިތުންނާ ގުޅިފައިވާ ބޮޑެތި މައްސަލަތައް ހައްލުކޮށްދޭނީ ރައްޔިތުންނާ ގުޅިގެން ކަމަށާއި ކައުންސިލް ވެގެންދާނީ ރައްޔިތުންނާ ސަރުކާރާ ގުޅުވައިދޭ މެދުވެރިއަކަށް ކަމަށެވެ.
"ވަރަށް ޒިންމާދާރު ބޮޑީއަކަށް, މުވައްސަސާއަކަށް, އެ ޒިންމާ އަޅުގަނޑު ޔަގީންކުރަން މާލޭ ސިޓީ ކައުންސިލުން އަދާކޮށްދެއްވާނެ ކަން. އަދި ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލަރުން ވެސް އަދާކޮށްދެއްވާނެކަން," އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މޭޔަރަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ, މަގާމުތަކަށް އިންތިހާބުކުރުމަކީ ރައްޔިތުން ހަވާލުކުރި އަމާނާތެއް ނުވަތަ މަސްއޫލިއްޔަތެއް ކަމަށާއި އޭގެތެރެއަށް ސިޔާސީ ކުޅި ސަމާސާ ވެއްދުމަކީ ރައްޔިތުން މަގުމަތިވާނެ ކަމެއް ކަމަށެވެ.
"އެ ފުރުސަތެއް އަޅުގަނޑެއް ނުދޭނަން. ރައްޔިތުންނަށް ބޭނުންވަނީ އުފާފާގަތިކަން ގެނެސްދޭން. އަޅުގަނޑާ ރައްޔިތުން ހަވާލުކުރީ އެ ޒިންމާ. އެ ޒިންމާ އަދާކުރަން އަޅުގަނޑު މިހުރީ ތެދުވެރި ރައްޔިތުން ހޮވާފައި ތިބި ކައުންސިލަރުންނާއި މަންދޫބުންނާއެކުގައި ރެޔާއި ދުވާލު ހުރިހާ މަސައްކަތެއް ކުރަން," ރައީސް ވިދާޅުވި އެވެ.
މި މަސައްކަތުގައި އެންމެ މިންވަރެއް ވެސް ފަރުވާ ކުޑަނުކުރާނެ ކަމަށާއި ކައުންސިލަރުން އެކުގައި ކުރިއަށް ދާން ތިބި ނަމަ މަސައްކަތް ކުރާނީ ކައުންސިލަރުންނާއެކުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
ކައްޒާބު ނަހަދާނެ ތެދެއް