ޚަބަރު

ރައީސް ޔާމީންގެ ޕާޓީ ވަރަށް އަވަހަށް ރެޖިސްޓަރ ކުރައްވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް ޔާމީން ޕީއެންއެފްގެ އޮފީހުގައި.. ދެން އިމޭޖްސް

ކުރީގެ ރައީސް, ރައީސް ޔާމީން އަބްދުލްޤައްޔޫމް އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ މޯލްޑިވްސް ނެޝަނަލް ފްރޮންޓް ރެޖިސްޓްރީ ކުރެއްވުމަށް ވަރަށް އަވަހަށް ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޕީއެންއެފް ރެޖިސްޓަރ ކުރުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ދީފައިވަނީ ރައީސް ޔާމީންގެ ދަރިކަލުން ޒޭން ޔާމީނަށެވެ.

މިދިޔަ ނޮވެންބަރު މަސްތެރޭ ކުއްލި އަކަށް ރައީސް ޔާމީން ވަނީ ސަރުކާރު ކޯލިޝަންގެ ޕީޕީއެމްއިން ވަކިވެ ވަޑައިގެންފައެވެ. އޭރު އެމަނިކުފާނު ހުންނެވީ އެ ޕާޓީގެ ރައީސްގެ މަޤާމުގައެވެ. އޭގެ ފަހުން ނޮވެންބަރު މަހު 29 ވަނަ ދުވަހު އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާ އީސީން އެކަމުގެ ހުއްދަ ހޯދިއެވެ.

އޭރު ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކުން ބުނަމުން ދިޔައީ ޕާޓީ ރެޖިސްޓްރީކޮށް ނިންމާލާނީ "ޔާނު ސްޕީޑް"ގައި ކަމަށެވެ. ނަމަވެސް މިހާތަނަށް 3000 މެންބަރުން ހަމަކޮށް ޕާޓީ ރެޖިސްޓްރީ ކުރަން ހުށަހަޅާފައެއް ނުވެއެވެ.

ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ކުރީގެ ޓެކްނޮލޮޖީ ވަޒީރު މަލީހް އެންމެ ފުރަތަމަ ވިދާޅުވީ ރެޖިސްޓްރީ ކުރުމުގައި ލަސްތަކެއް އުޅެނީ ރާއްޖޭގެ ހުރިހާ ރަށެއްގެ މީހުން ފުރަތަމަ ސޮއި ކުރާ 3000 މީހުންގެ ތެރޭގައި ހަމަ ކުރަން ވެގެން ކަމަށެވެ. އޭގެ ފަހުން ވިދާޅުވީ, ޕާޓީ ރެޖިސްޓްރީ ކުރާނީ ރައީސް ޔާމީން މިނިވަންވުމުން ކަމަށެވެ.

ރޭ ޕީއެންއެފްގެ އޮފީހުގައި ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް ޔާމީން ވިދާޅުވީ, ޕީއެންއެފް ރެޖިސްޓްރީ ކުރުމުގައި ލަސްތަކެއް ދިމާވި ކަމަށާއި ނަމަވެސް ވަރަށް އަވަހަށް ދެން އެކަން ވެގެންދާނެ ކަމަށެވެ.

ޕާޓީ ހަދަން ހުއްދަ ދިންތާ ދެ މަސް ވެގެންދާއިރު, ޕާޓީ ރެޖިސްޓަރ ނުކުރެވިގެން އުޅެނީ ކީއްވެގެންކަން ރައީސް ޔާމީން ވިދާޅެއްނުވިއެވެ. ވިދާޅުވީ ސަބަބުތަކެއް ހުރި ކަމަށެވެ. ނަމަވެސް ސާފުކޮށެއް ނުދެއްވައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!