ޚަބަރު

އެމްޑީޕީއާއި ޑިމޮކްރެޓްސް މަޝްވަރާއަށް އެއް މޭޒަކަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމްޑީޕީން ވަކިވެގެން ގޮސް, ވަކި ޕާޓީއެއް އުފެއްދި "ދަ ޑިމޮކްރެޓްސް"ގެ ލީޑަރުންނާއި އެމްޑީޕީގެ ލީޑަރުން ބައްދަލުކޮށް މަޝްވަރާ ހިންގައިފިއެވެ.

Ads by Hajj Corporation

މީސްމީޑިއާގައި މި ބައްދަލު ކުރެއްވުމުގެ ފޮޓޯތައް ވަނީ ދައުރުވާން ފަށާފައެވެ.

މި ބައްދަލު ކުރެއްވުމުގައި ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފާއި އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަލީ އާޒިމާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އިންނެވިއެވެ.

އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ފަރާތުން ބައްދަލުވުމުގައި ތިއްބެވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި އެ ޕާޓީގެ ޕީޖީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ, އެމްޑީޕީގެ ރައީސް, ރައީސް ޞާލިހްގެ ކޮއްކޯފުޅު, ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ.

މި ބައްދަލު ކުރެއްވުމުގެ މަޤްސަދެއް ނުވަތަ ބައްދަލުވުމެއް ބާއްވާ މަޝްވަރާ ކުރެއްވި ކަމެއް ވެސް ދެ ޕާޓީން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

މަޖިލިސް އިންތިޚާބު ކައިރިވެފައިވާ މި ދަނޑިވަޅުގައި, އެމްޑީޕީ އަދި ޑިމޮކްރެޓްސް އެއް މޭޒަކުން ފެނިފައިވާއިރު, ސަރުކާރު ޖަވާބު ދާރީ ކުރުމުގައި އެ ދެ ޕާޓީން އެކުގައި މަސައްކަތް ކުރައްވަން ޖެހޭނެ ކަމަށް ކުރީގެ އެސްޓީއޯ އެމްޑީ, ޑިމޮކްރެޓްސްގެ ހުސެއިން އަމްރު އިއްޔެ ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުމާއި ގުޅޭ ގޮތުން މީސްމީޑިއާގައި އެކި މީހުން ވަނީ އެކި ޚިޔާލުތައް ފާޅުކޮށްފައެވެ. އެގޮތުން ހުޅުމާލޭ ދެކުނު ދާއިރާއަށް ޑިމޮކްރެޓްސްގެ ޓިކެޓްގައި ވާދަ ކުރައްވާ ހަމްދާ ވިދާޅުވެފައިވަނީ އާންމު ލަނޑުދަނޑިތައް ހާސިލް އެކުގައި މަސައްކަތް ނުކުރަންވީ ސަބަބެއް ނެތް ކަމަށެވެ. އަދި މިއީ ތަހްޒީބީ މުޖުތަމައުތަކުގައި ކަން ހިނގާ ގޮތްކަން ވެސް ފާހަގަ ކުރެއްވިއެވެ.

ނަމަވެސް ޑިމޮކްރެޓުންގެ ތެރެއިން ބައެއް މީހުން ބުނަމުން އަންނަނީ އެ ފަރާތްތަކުން އެމްޑީޕީ ދޫކޮށް ވަކިވީ, އެމްޑީޕީގެ އުސޫލުތަކާއި ޚިލާފުވުމުން ކަމަށާއި އަލުން އަނބުރާ ގުޅޭނީ އަނބުރާ ކުރީގެ އެމްޑީޕީ އުސޫލުތަކަށް އިޔާދަވުމުން ކަމަށެވެ.

އެމްޑީޕީގެ އެކްޓިވިސްޓުންގެ ވިސްނުން މިކަމުގައި ދެފަޅިއަކަށް ވަނީ ބެހިފައެވެ. ބައެއް ފަރާތްތަކުން ބުނަމުން އަންނަނީ ސަރުކާރު ޖަވާބުދާރީ ކުރެވޭނީ މަޖިލިސް މެޖޯރިޓީ ލިބިގެން ކަމަށާއި އެކަން ވާނީ ޑިމޮކްރެޓްސްއާއެކު މަސައްކަތްކޮށްގެން ކަމަށެވެ.

އަނެއް ބަޔަކު ބުނަމުން އަންނަނީ ޑިމޮކްރެޓްސްއަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ "ފެއިލްޑް އެކްސްޕެރިމެންޓެއް" ކަމަށެވެ. އެހެންކަމުން މަޖިލިސް އިންތިޚާބުގައި ޑިމޮކްރެޓްސް ދޫކޮށް އެމްޑީޕީއާ ގުޅިގެން މަސައްކަތް ކުރަން އެ ފަރާތްތަކުން ތާއީދު ކުރެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!