އެމްޑީޕީއާ ޑިމޮކްރެޓުން ބުނަނީ ސަރުކާރުގެ ހާރިޖީ ސިޔާސަތުތައް ވަރަށް ނުރައްކާ ކަމަށް
މި ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތާއި މެދު އިދިކޮޅު އެމްޑީޕީއާ، އެ ޕާޓީގެ ތެރެއިން އުފެދުނު ދަ ޑިމޮކްރެޓްސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ ދެ ޕާޓީން އެކުވެގެން މަސައްކަތްކުރުމަށް ނިންމައި އެކަމުގެ މައުލޫމާތު ހާމަކުރަން، އިއްޔެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވެއެވެ. ދެ ޕާޓީގެ ފަރާތުންވެސް ވާހަކަ ފެއްޓެވީ މި ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތުތަކަށް ފާޑުކިޔަމުންނެވެ. މި ސަރުކާރު އައުމަށް ފަހު އެންމެ ގާތުގައި އޮތް އިންޑިއާ އެކު އޮންނަ ގުޅުން ހީނަރުވެފައިވާތީ ކަމަށް ވިދާޅުވަމުންނެވެ.
''މިއަދު ރާއްޖޭގެ ހާރިޖީ ސިޔާސަތު، އެއީ އަޅުގަނޑުމެން އެންމެ ކަންބޮޑުވާން ޖެހޭ އެއް މައްސަލަ'' އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ ވާހަކަ ފައްޓަވަމުން ވިދާޅުވިއެވެ. އިންޑިއާއާ ގާތް ގުޅުމެއް ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަމުގެ މަގާމު ފުރުއްވި ފައްޔާޒު ވިދާޅުވީ ޒަމާނުއްސުރެ ރާއްޖޭގެ ހާރިޖީ ސިޔާސަތަކަށް ވެފައި އޮތީ ދުނިޔޭގެ ހުރިހާ ގައުމުތަކާއި އެކު ރަހުމަތްތެރި ގުޅުމެއް ބޭއްވުން ކަމަށެވެ. ވަކިން ހާއްސަކޮށް އަވަށްޓެރި ގައުމުތަކާއި ހާއްސަގުޅުމެއް ބާއްވައިގެން ކަމަށެވެ.
އެއީ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގެންގުޅޭ ސިޔާސަތެއް ކަމަށް ގަބޫލުކުރެވެނީ، ވަރަށް ނާޒުކު ފައްތަރަކަށް ގުޅުންތައް މިއޮތީ ގޮސްފައި، މީގައި ކަންބޮޑުވުން އޮތީ ދޭދޭ ގައުމުގެ މެދުގައި އޮތް ކަންބޮޑުވުން ހީނަރުވެގެނެއް ނޫން.
އިންޑިއާގެ ނަން ނުގެންވައި ފައްޔާޒު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތުގެ ސަބަބުން އިންޑިއަން ކަނޑުގެ 'ސްޓެބިލިޓީ''އަށް އަސަރުކުރަމުންދާ ކަމަށެވެ. އޭގެ ސަބަބުން މި ސަރަހައްދުން ބޭރުގެ އެތައް ބައެއްގެ ސަމާލުކަން ލިބެމންދާ ކަމަށެވެ.
ސަރަހައްދީ 'ސްޓޭބިލިޓީ'އަށް އަސަރުކުރާނެ ގޮތަށް ސިޔާސަތުތައް ބައްޓަންވަމުންދާޔަން ފެނުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
''ވަރަށް ބޮޑުކަންބޮޑުވުން އޮތް ކަމެއް ރާއްޖޭގެ އަވަށްޓެރި ގައުމެއްގެ ގޮތުގައި އޮތް ދުނިޔޭގެ ސުޕަޕަވަރެއް، އެ ގައުމާއި ޖެހޭ ގޮތަށް'' ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފްގެ ވާހަކަ ފެއްޓެވީ މި ޖުމްލައިގެންނެވެ. އިންޑިއާގެ ނަން ނުގެންނަވައި ހަސަން ލަތީފް ވިދާޅުވީ އެ ގައުމުން އެކި އެކި ފިޔަވަޅު އަޅައިފި ހާލަތެއްގައި ރާއްޖޭގެ ރައްޔިތުންނަށާއި، ރާއްޖެއަށް އިންތިހާއަށް ގެއްލުންވާނެ ކަމަށެވެ.
އެ ގޮތަށް ސަރުކާރެއްގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރާ ކަމަށްވަންޏާ އެއީ އަޅުގަނޑުމެންނަށް ވަރަށްކަންބޮޑުވާނެ ކަމެއް.
ހަސަން ވިދާޅުވި ގޮތުގައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރާ މެދު އެންމެ ބޮޑަށް ކަންބޮޑުވާ ކަމަކީ ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަންކުރަމުންދާ ގޮތް ކަމަށެވެ. ދުނިޔޭގެ ބޮޑުބާރަކާއި ''ޖެހޭ'' ގޮތަށް ސަރުކާރުން ކަންތައް ކުރަމުން ދިޔުމަކީ ނުރައްކާތެރި ކަމެއް ކަމަށް ވިދާޅުވިއެވެ.
އިންޑިއާއިން ސްލާމަތްނުވާ ބައިގަނޑު