އިހަވަންދިއްޕޮޅުގައި ބޮޑު މަޝްރޫއެއް, އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން
އިހަވަންދިއްޕޮޅު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މާސްޓަރ ޑިވެލޮޕަރަކަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކަނޑައަޅުއްވައިފިއެވެ.
މިކަން ހާމަކުރެއްވީ ކެބިނެޓް ވަޒީރުންގެ ނިންމެވުންތަކާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، އިހަވަންދިއްޕޮޅު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އިންޓަގްރޭޓެޑް ޓޫރިޒަމަށް ބޭނުންވާ ޒަމާނީ ވަޞީލަތްތަކާއެކުކަމަށެވެ. އަދި އިހަވަންދިއްޕޮޅު ތަރައްޤީކުރާނީ "މޯލްޑިވްސް އިކޮނޮމިކް ގޭޓު ވޭ"ގެ ނަމުގައިކަމަށް ނާޡިމް ވިދާޅުވިއެވެ.
ނާޡިމް ވިދާޅުވީ، މި މަޝްރޫޢުގެ މާސްޓަރ ޑިވެލޮޕަރެއްގެ ގޮތުގައި ސަރުކާރުން ދާދިފަހުން އުފެއްދެވުމަށް ނިންމެވި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާކަމަށެވެ. އަދި މިކަމާގުޅިގެން އެ ސަރަހައްދުގެ ޑިވެލޮޕްމަންޓް ރައިޓްސް އެކުންފުންޏަށް ދިނުމަށް ނިންމަވާފައިވާކަމަށެވެ. މި ސަރަޙައްދު ތަރައްޤީކުރާނީ ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި އިންޓަގްރޭޓެޑް ޓޫރިޒަމްގެ ވަޞީލަތްތަކާ އެކުގައިކަމަށް ނާޡިމް ވިދާޅުވިއެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯނަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމުގެ މަޤްސަދުގައި ޚާއްސަ މެންޑޭޓަކާއެކު އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ކުންފުންޏެކެވެ. މި ކުންފުންޏަކީ ސަރުކާރު ހިއްސާވާ 5 ކުންފުނީގެ މައްޗަށް އެކުލަވާލެވޭ ކުންފުންޏެކެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންގެ ނަމުގައި އުފެއްދި ކުންފުނީގައި ހިމެނެނީ އެސްޓީއޯއާއި، އެޗްޑީސީއާއި، އެމްޕީއެލްއާއި އެމްޓީސީސީއާއި އެމްއޭސީއެލްއެވެ. މި 5 ކުންފުންޏާއެކު އުފައްދާ މައި ކުންފުނީގެ ދަށުން ފްރީ ޓްރޭޑް ޒޯންތައް ކަނޑައެޅުމުގެ ހުއްދައަށް އެދި ބޯޑް އޮފް އިންވެސްޓްމަންޓަށް ހުށައެޅުމަށްވެސް ސަރުކާރުން ނިންމަވާފައިވެއެވެ.