ޚަބަރު

ރައީސް އަޒުލު ކުރެވޭނީ އަޅުގަނޑުމެންގެ ފުރާނަ ދުއްވާލާފައި: ސަލީމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން އަޒުލު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް/ޕީއެންސީގެ މެމްބަރުންގެ ފުރާނަ ދުއްވާލުމަށްފަހު ކަމަށް އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައީސް މުއިއްޒު މަގާމުން އަޒުލުކުރަން މަޖިލީހަށް މައްސަލަ ހުށަހަޅަން އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އިން މިހާރު ވަނީ ސޮއި ހަމަކޮށްފަ އެވެ. ރައީސް އަޒުލު ކުރުމުގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ސޮއި ހޯދަމުން އަންނައިރު މިހާތަނަށް 34 މެމްބަރަކު ސޮއިކޮށްފައިވެ އެވެ. ގަރާރު ހުށަހަޅަން ބޭނުން ވަނީ 26 މެންބަރުންގެ ސޮޔެވެ.

ޕީޕީއެމް/ޕީއެންސީގެ މަޖިލިސް މެމްބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަލީމް ވިދާޅުވީ ރައީސް އަޒުލުކުރަން ފުރުސަތު ނުދޭނެ ކަމަށާއި އެކަން ހުއްޓުވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ފުރާނަ ދުއްވާލާފައި ރައީސް އަޒުލުކުރަންޖެހޭނީ. އެކަމަކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން،" ސަލީމް ވިދާޅުވި އެވެ.

ރައީސް މުއިއްޒު މަގާމުން އަޒުލުކުރަން މަޖިލީހަށް ހުށަހެޅިޔަސް އެ ފުރުސަތު ނުދޭނެ ކަމަށާއި އެކަން ކުރެވޭނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށްވެސް ސަލީމް ވިދާޅުވި އެވެ.

ރައީސް ޢަޒުލުކުރުމަށް އެމްޑީޕީން ސޮއި ހަމަކުރި އިރު، މަޖިލީހުގެ އާންމު ކޮމިޓީން އޮތީ ރައީސާއި ނައިބު ރައީސް އަޒުލުކުރުން ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މާއްދާތަކަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާ އަށް އާންމު ކޮމިޓީން ގެނެސްފައިވާ ބަދަލާ ގުޅިގެން މަޖިލީހުގެ އަޣުލަބިއްޔަތު ގުނާ ގޮތަށް ބަދަލު އަންނާނެ އެވެ. އެހެންވެ މިހާރު އޮތް މަޖިލީހުގެ ދައުރު ހަމަވުމުގެ ކުރިން އެއްވެސް ގޮނޑިއެއް ހުސްވެއްޖެ ނަމަ، އެ ދާއިރާއަށް އަލުން މެންބަރަކު އިންތިހާބު ކުރުމާ ހަމައަށް ޖުމުލަ މެންބަރުން ގުނުމުގައި ގޮނޑި ހުސްވެފައިވާ ދާއިރާއެއް ނުގުނާނެ އެވެ.

އެހެންކަމުން މަޖިލީހުގެ މިހާރުގެ މެންބަރުގެ ޖުމްލަ ޢަދަދަކަށް ބަލާނީ 80 އެވެ. އަދި ރައީސާއި ނައިބު އަޒުލުކުރަން ބޭނުން ވާނީ 54 މެންބަރުންގެ ވޯޓެވެ.

ރައީސް އަޒުލުކުރަން ގަރާރު މަޖިލީހަށް ހުށަހަޅާތާ ދެ ދުވަސްތެރޭގައި އެ ބޭފުޅުންނަށް ނޯޓިސް ފޮނުވަން ޖެހެ އެވެ. އަދި ނޯޓިހުގެ ތާރީހުން ފެށިގެން ދެ ހަފުތާ ދިނުމަށް ފަހު މައްސަލަ ކުރިއަށް ގެންދަން ޖަލްސާއެއް ބާއްވަން ޤަވާއިދުގައި ކަނޑައަޅާފައިވެ އެވެ.

ރައީސް މުއިއްޒު މަގާމުގެ ހުވާކުރެއްވީ މިދިޔަ ނޮވެމްބަރު 17 ގަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!