ޚަބަރު

ސްރީލަންކާގެ މިނިވަންދުވަހުގެ ތަޙުނިޔާ ރައީސް ފޮނުއްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސްރީލަންކާގެ 76 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި، ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައަށާއި، ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސުލްޖުމްހޫރިއްޔާ، އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި، ސްރީލަންކާގެ މި ޚާއްޞަ މުނާސަބަތާ ގުޅިގެން އެކަން ފާހަގަ ކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ‌‌‏ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ސްރީލަންކާގެ ސަރުކާރަށާއި ރައްޔިތުންނަށް ހޫނު މަރްޙަބާއެއް ވިދާޅުވެ، މިނިވަންދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދިވެހިރާއްޖެއާއި ސްރީލަންކާއަކީ ގާތް ދެ ޤައުމުކަން ފާހަގަ ކުރައްވައި، ދެ ޤައުމުގެ ދެމެދު އޮންނަ އެކުވެރިކަމުގެ ޒަމާންވީ ގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރުމާއި، ދެފަރާތުން އިސްކަންދޭ ކަންކަމުގެ މައްޗަށް ބިނާވެފައިވާ، އަދި ސަރަޙައްދީ ހަމަޖެހުމަށް އިސްކަންދޭ ގުޅުމެއްކަމުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައިވާ ރަޙްމަތްތެރި ކަމުގެ ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!