ޚަބަރު ސަރުކާރު

މާލޭގެ މުހިއްމު އާސާރުތަކެއް ބެލެހެއްޓުމާއި ސްޓެލްކޯއިން ހަވާލުވެއްޖެ

ޙައްވާ އިނާޝާ ، ދެން އޮންލައިން

މާލޭގެ މުހިއްމު އާސާރުތަކެއްގެ އާބާތުރަފިލުވައި، މަރާމާތުކޮށް، އެތަންތަން ޒީނަތްތެރި ކުރުމުގެ މަސައްކަތާއި ސްޓޭޓް އިލްކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހަވާލުވެއްޖެއެވެ.

Ads by Hajj Corporation

މި ފަހުމުނާމާގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ. ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމްއެވެ.

މި ފަހުމުނާމާގެ ދަށުން މާލޭ ހުކުރު މިސްކިތާއި މިސްކިތުގެ ގޯތިތެރެ އަދި މުންނާރާއި މާލޭ މެދުޒިޔާރަތުގެ އިތުރުން ކަޅުވަކަރު މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި ކުރަން ހުރި އާބާތުރަފިލުވުމާއި މަރާމާތުކުރުމާއި ޒީނަތްތެރި ކުރުމުގެ މަސައްކަތްތައް ކުރުމާއި ސްޓެލްކޯއިން ވަނީ ހަވާލުވެފައެވެ.

އެގޮތުން މި ފަހުމުނާމާއަކީ ފަސް އަހަރުދުވަހުގެ މުއްދަތަށް ގުޅިގެން މަސައްކަތް ކުރުމަށް ސޮއިކުރެވުނު ފަހުމުނާމާއެކެވެ.

ހަމަ އެހެންމެ މި ފަހުމުނާމާގެ ދަށުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ފަންނީ އިރުޝާދުގެ ދަށުން، ސްޓެލްކޯއިން މާލޭ ހުކުރު މިސްކިތާއި މިސްކިތުގެ ގޯތިތެރެ އަދި މުންނާރާއި މާލޭ މެދުޒިޔާރަތުގެ އިތުރުން ކަޅުވަކަރު މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި، އެތަންތަން ރައްކާތެރިކަމާއިއެކު ގިނަ ޒަމާންތަކަކަށް ދެމެހެއްޓުމަށްޓައި ކުރަންހުރި އާބާތުރަފިލުވުމާއި މަރާމާތުކުރުމާއި ޒީނަތްތެރުކުރުމުގެ މަސައްކަތްތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަމަ މިއާއިއެކު އެ ތަންތަނުގައި ކުރަންހުރި ކަރަންޓުގެ އެކި މަސައްކަތްތައްވެސް މި ފަހުމުނާމާގެ ދަށުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ"މީ ވަރަށް ބޮޑަށް ޓެކްނިކަލީ ކަންތައްތައް ބެލިގެން ކުރަންޖެހޭ މަސައްކަތަކަށް ވާތީ އަޅުގަނޑުމެން މިނިސްޓްރީއާ ގުޅިގެން ވަރަށް ބޮޑަށް މި ދިޔައީ ބަލަމުން. ވިއްސާރަ މޫސުމަކަށްފަހު ކޮންމެވެސް ވަގުތުކޮޅެއް ދޭންޖެހޭ ހުކުރު މިސްކިތު މުންނާރު ހިކުމާ އަދި އެހެނިހެން ޓެކްނިކަލް ކަންތައްތަކަށްވެސް. އެހެންވީމަ އަސްލު ލަސްވެގެން ދިޔައީ. ޙަޤީޤަތުގަ އަޅުގަނޑުމެންނަށް މޫސުން ތަން ނުދިނީމަ، އެހެން ނޫންނަމަ މި މަސައްކަތް އަޅުގަނޑުމެންނަށް ވާނީ މީގެ ކުރިންވެސް ފެށިފަ" އެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ، "އަޅުގަނޑު މި ފުރުޞަތުގައި ފާހަގަކޮށްލަން ބޭނުންވާ ކަމަކީ ޙަޤީޤަތުގަ އަޅުގަނޑުމެންގެ މި ބަހާބެހޭ ވުޒާރާއަށް އަދި ތަރިކަ ރައްކާތެރިކުރާ މަރުކަޒަށް މީގެ ކުރިންވެސް ސްޓެލްކޯއަކީ ވަރަށް މުހިއްމު ބައިވެރިއެއް. ވަރަށް ގިނަ އެހީތެރިކަން ދެއްވަމުން ގެންދަވާ...އަޅުގަނޑުމެން މި ވުޒާރާގެ މަސައްކަތާ ހަވާލުވިފަހުން މިހާތަނަށް ކުރެވުނު މަސައްކަތްތަކުގަވެސް ސްޓެލްކޯގެ އެހީތެރިކަން ވަރަށްބޮޑާށް ލިބިފަ ވަނީ" އެވެ.

ސްޓެލްކޯއިން މީގެ ކުރިންވެސް ވަނީ މިފަދަ ފަހުމުނާމާއެއްގެ ދަށުން މާލޭ ހުކުރު މިސްކިތުގެ ގޯތިތެރޭގައި ހުރި ހިރިގައު ވަޅުތަކާއި، މުންނާރާއި އަދި މާލޭ މެދުޒިޔާރަތް ރައްކާތެރިކޮށް، އާބާތުރަފިލުވައި، ޒީނަތްތެރި ކުރުމުގެ މަސައްކަތްތަކެއް ކުރިއަށްގެންގޮސްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!