ޚަބަރު

ރުހުން ނުދިން ތިން ވަޒީރުން އަލުން އައްޔަން ކުރުމުން ޑިމޮކްރެޓްސްއިން ވެސް މާދަމާގެ ޖަލްސާ ބޮއިކަޓްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުމަށް މާދަމާ ބޭއްވުމަށް ހަމަޖައްސާފައިވާ ޖަލްސާ ޑިމޮކްރެޓްސް ޕާޓީން ބޮއިކޮޓް ކޮށްފިއެވެ.

Ads by Sosun Fihaara

އެޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުން ވަޒީރުކަމުގެ ރުހުން ނުދެއްވި 3 (ތިނެއް) ބޭފުޅުންނަށް ވަޒީރުންގެ ހައިސިއްޔަތުން، ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް ދައުވަތު ދެއްވުމަކީ ގާނޫނުއަސާސީއާ ހިލާފު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރާއި ހުރުމަތަށް ގޮންޖެހުމުގެ އަމަލެއްކަމަށް އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން ދެކޭކަމަށެވެ. އަދި ސަރުކާރުގެ ގައިރު ގާނޫނީ މި ފަދަ އަމަލުތަކަށް ހިތްވަރާއި ބާރުލިބިދެވޭގޮތަށް ހިންގޭ ކަންކަމުގައި އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން އެއްބާރުލުން ނުދޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

އަދި އެ ޕާޓީން ބުނެފައިވަނީ، މާދަމާ، (5 ފެބްރުއަރީ 2024 ވާ ހޯމަ ދުވަހު) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީބަޔާން ރައްޔިތުންގެ މަޖިލީހަށް އިއްވެވުމަށް ބާއްވަވާ ޖަލްސާއަށް، ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) ގެ ދަށުން ރައްޔިތުން މަޖިލީހުގެ ރުހުން ލިބިފައިނުވާ 3 (ތިނެއް) ބޭފުޅަކަށް ވަޒީރުންގެ ހައިސިއްޔަތުން ދައުވަތު ދެއްވާފައިވާކަން ސަމާލުކަމަށް އައިފައިވާ ކަމަށާއި، އަދި އެކަން ކުށްވެރިކުރާކަމަށެވެ. 

އެހެންކަމުން މާދާމާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވަވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދަ ޑިމޮކްރެޓްސް ޕާލަމެންޓަރީ ގްރޫޕަށް ނިސްބަތްވާ މެމްބަރުން ބައިވެރިނުވާނެ ކަމަށް އެޕާޓީން ބުނެފައި ވެއެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލިހުން ބޭއްވި ޖަލްސާގައި ރުހުން ނުދޭން ނިންމީ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމްއާއި، ހައުސިން މިނިސްޓަރ ޑރ. ހައިދަރުގެ އިތުރުން އޭޖީ އުޝާމްއަށެވެ.

އެ ޖަލްސާގައި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމްއަށް ރުހުން ނުދޭން ފާސްކޮށްފައިވާއިރު، އޭނާއަށް ރުހުން ދޭން ފެންނަކަމަށް 30 މެމްބަރުން ވޯޓު ދިނެވެ. ނުފެންނަ ކަމަށް ވޯޓު ދިނީ 31 މެމްބަރުންނެވެ. އަދި އެޓާރނީ ޖެނެރަލް އަހުމަދު އުޝާމްއަށް ރުހުން ދޭން ފެންނަކަމަށް 24 މެމްބަރުން ވޯޓު ދިންއިރު އޭނާއަށް ރުހުން ދޭން ނުފެންނަ ކަމަށް 44 މެމްބަރުން ވޯޓު ދިނެވެ.

އޭގެ އިތުރުން މިނިސްޓަރ ޑރ. ހައިދަރަށް ރުހުން ދޭން ފެންނަކަމަށް 24 މެމްބަރުން ވޯޓު ދިންއިރު، ރުހުން ދޭން ނުފެންނަ ކަމަށް 46 މެމްބަރުން ވޯޓު ދިނެވެ.
އެހެންނަމަވެސް ހަމަ އެދުވަހު ރައީސް މުއިއްޒުވަނީ މި ހުރިހާ ވަޒީރުންވެސް އަލުން ވަޒީރުކަމަށް އައްޔަން ކޮށްފައެވެ.

  1. ޔަބީނު

    މުއިއްޒުވެސް ކަންތައް ތިކުރަނީ ރަނގަޅަކަށްނޫން. މައްސަލަ ފިނިކުރަން އުޅޭހެނެއް ހިޔެއްނުވެ. މަޖިލީހުން ރުހުން ނުދިނީމަ އެހެން ބަޔަކު ނެރެންވީނޫންތޯ! ކިޔަވައިގެން ތިބި ތަޖުރިބާހުރި އެހެން ބަޔަކު ނެތީތޯ އެމީހުންނޫނިއްޔާ. ގޮތްދޫކޮށްގެން ކުރިޔަށްކަނޑާނީ.