ޚަބަރު އިޖުތިމާޢީ ސަރުކާރު

ވާނުވާ ޝަރީއަތްތައް އަވަހަށް ނިންމަން ޕީޖީ އޮފީހުގެ ފުރިހަމަ ތާއީދު ރައީސަށް

ފައިނާ ފާއިޒް ، ދެން އޮންލައިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމަށްފަހު، ޝަރީޢަތްތައް ނުހިނގައި ދިގުލައިގެންދާ މައްސަލަ ޙައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ވިދާޅުވި ވިދާޅުވުމަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ޕްރޮސްކިއުޓާ ޖެނެރަލް އޮފީސް، ޕީޖީ އޮފީހުން ދީފިއެވެ.

Ads by MWSC

އެ އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމަށްފަހު، ޝަރީޢަތްތައް ނުބޭއްވި ދިގުލައިގެންދާ މައްސަލައަކީ އަބަދުވެސް ނުހަނު ކަން ބޮޑުވާ މައްސަލައެއް ކަމަށެވެ. އެ އޮފީހުން ވަނީ 2019 ވަނަ އަހަރުން ފެށިގެން އެކި ގޮތްގޮތުން އެކަމަށް ހައްލު ގެނައުމަށް މަސައްކަތްތަކެއް ކޮށްފައި ކަމަށްވެސް އެ ބަޔާނުގައި ބުންޏެވެ. 

މައްސަލަތައް އަވަސް ކުރުމަށްޓަކައި ޝަރީޢަތް ނިމެންދެން ބަންދުކުރާ މީހުންގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖަޢާކުރާ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ލިޔެ، ބަންދުގައި ތިބޭ މީހުންގެ ބަންދު މުރާޖަޢާކޮށް، ޝަރީޢަތް ނިމެންދެން ބަންދުގައި ބައިތިއްބަންޖެހޭ ޙާލަތު ބަދަލުވޭތޯ ގަވާއިދުން ބަލާ މުރާޖާކުރަމުން އަންނަކަމަށްވެސް އެ ބަޔާނުގައި ބުންޏެވެ. 

 ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމަށްފަހު، ޝަރީޢަތް ބޭއްވޭނެ ދުވަހެއް ނޭގި ދިގުލައިގެންދާ މައްސަލައިގެ އެއް ސަބަބު ގުޅިފައިވަނީ ޝަރުޢީ ކޯޓުތައް ހިނގާ ސްޕީޑާކަމަށެވެ. ސަބަބަކީ ޝަރީޢަތުގެ ސްޕީޑް ގުޅިފައި އޮތީ ކޯޓުތަކުގައި ޖާގައިގެ ދަތިކަން ދިމާވުމުން ކަމަށެވެ. 

އަދި ސަރުކާރުން ކޯޓުތަކުގެ ޖާގައިގެ މައްސަލައަށް އެދެވޭ ޙައްލެއް ހޯއްދަވައިދެއްވާނެކަމަށް ރައީސް ވިދާޅުވެފައިވާތީ ޕްރޮސިކިއުޓަރ ޖެނެރަލް އެކަމާ އުފާކުރައްވާކަމަށާއި އެކަމުގެ އަމަލީ މަސައްކަތް ވީހާވެސް އަވަހަށް ފެށޭނެކަމަށް އުންމީދުކުރާކަމަށް އެ ބަޔާނުގައި ބުންޏެވެ.

ރައީސްގެ ރިޔާސީ ބަޔާނުގައި، ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމުގެ މައްސަލައަށް ޤާނޫނީ ޙައްލެއް ހޯއްދެވުމަށްޓަކައި، ޤާނޫނަށް ގެންނަވަން ޤަޞްދުކުރައްވާ އިސްލާޙްތައް ރައްޔިތުންގެ މަޖިލީހުގެ މި ދަޢުރުގައި ހުށަހަޅުއްވާނެކަމަށް ވިދާޅުވެފައިވާތީ، އެކަމުގަ އާއި ސަރުކާރުގެ ކަމާގުޅޭ ސިޔާސަތުތައް ތަންފީޛުކުރުމުގައި، ޤާނޫނީ ހަމަތަކުގެ މަތިން މި އޮފީހުން ދޭންޖެހޭ އެންމެހައި އެއްބާރުލުމާއި އެހީތެރިކަން، ޖިނާއީ ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރާ އެންމެހައި އިދާރާތަކާ ގުޅިގެން ދެމުންގެންދާނެކަމުގެ ފުރިހަމަ އެއްބާރުލުން އެ އޮފީހުން ވަނީ ދީފައެވެ.

އަދި މި މައްސަލައަށް ޤާނޫނީ ޙައްލެއް ހޯދުމަށް ބޭނުންވާ ބައެއް ބަދަލުތަކުގެ ތަޞައްވުރެއް އެ އޮފީހުން މިހާރުވެސް ގެންގުޅޭކަމަށް ޕީޖީ އޮފީހުން ވަނީ ހާމަކޮށްފައިއެވެ. 

  1. ޕީޖީ އޮފީހުގެ އިހުމާލުން އެތަކެއް ރައްޔިތުންގެ ހައްޤު ގެއްލޭ!