ބަޖެޓުގައި ގުރައިދޫ އެއާޕޯޓު ހަދަން ޖާގަ ދީފައި ނެތް ނަމަވެސް މި އަހަރު އެ މަސައްކަތް ފަށާނަން: ރައީސް
ބަޖެޓުގައި ގުރައިދޫ އެއާޕޯޓު ހަދަން ޖާގަ ދީފައި ނެތް ނަމަވެސް މި އަހަރު އެއާޕޯޓުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު އަތޮޅުތަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގެ ތެރެއިން ތ. ގުރައިދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބަޖެޓުން އުނިކުރި ނަމަވެސް ކުރަން ހުރި މަޝްރޫޢުތައް ޤާނޫނީ އިމުގެ ތެރެއިން ކުރިޔަށް ގެންދާނެ ކަމަށެވެ.
“އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑު ވަޢުދުވީ ގޮތަށް ބަޖެޓުން އެ ބޭފުޅުން އެއާޕޯޓު ހެދުމަށް ޖާގަދީފައި ނެތް ނަމަވެސް މި އަހަރު އެއާޕޯޓުގެ މަސައްކަތް ފަށާނަން. އަޅުގަނޑުމެންނަށް ޤާނޫނީ އިމުގެ ތެރެއިން ކަން ކުރެވޭނެ ގޮތް ހޯދޭނެ، ހޯދާނަން، އިރާދަކުރެއްވިއްޔާ މި އަހަރު މަސައްކަތް ފަށާނަން” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ރަށުގެ ރައްޔިތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށަފައިވަނީ އެއާޕޯޓު އެޅުން ކަމަށާއި އެކަން ކޮށްދެއްވާނެ ކަމަށް ވަޢުދުވެފައިވާ ކަމަށެވެ.
އަދިވެސް މުހިންމު ކަންތައްތައް ކުރަން ހުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އޭގެ ތެރޭގައި ހޮސްޕިޓަލުގެ މަސައްކަތާއި މަގު ހެދުމާއި ކުޅިވަރާ ގުޅޭ އެކި ކަންތައްތައް ވެސް ހިމެނޭ ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ އިޤްތިޞާދީ ހާލަތު މިހާރު އޮތްގޮތުން، އެކަންކަމުގެ ލިސްޓު، އެންމެ އިސްކަންދޭ ކަންކަން ކުރިއަށް ހިމެނޭގޮތަށް ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު ތަރުތީބުކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ޙަޤީޤީ މާނައިގައި ދެމެހެއްޓެނިވި ތަރައްޤީ ރައްޔިތުންނަށް ގެނެސްދެއްވުން ކަމަށެވެ.
ބަޖެޓްގައި ނެތްނަމަވެސް އެއްބައި ކަންތައް ހިތައްއެރީމަ ކުރާނަމަ ބަޖެޓް ހިމެނުމުގެ ބޭނުމަކީ ކޮބާބާ. އެކަނިވެރި މައިންނަށް އެއްޗެއްދޭންވީމަ މިއަހަރު ބަޖެޓް ވަރަށް ތާށީ. މެޖޯރިޓީ ލިބޭ ކޮންމެ ރަށެއްގަ އެއަރޕޯޓްއަޅާނަމަ ރާއްޖޭގެ ހުރިހާ ރަށެއްގަ އެއަރޕޯޓް އަޅަންޖެހޭނެ. އެއީ ދެންއަންނަ ފަސްއަހަރަކުން މެޖޯރިޓީ އެހެން ރަށްތަކުން ނަގާނެ.