އެންމެ އިސް ޒިންމާއެއްގެ ގޮތުގައި ދެކެނީ ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭނެކަން ކަށަވަރު ކުރުން: ރައީސް
ދިވެހިރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭނެކަން ޔަގީން ކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު މަސްއޫލިއްޔަތުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ އާންމުންނަށް ރައީސާ ސުވާލުކުރެވޭ ގޮތަށް ކުރިއަށް ގެންދާ “ރައީސްގެ ޖަވާބު”ގައި އާންމުންގެ ފަރާތަކުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެ ފަރާތުން ކުރެއްވި ސުވާލުގައި ވަނީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލުމުގެ ކަންކަން ހިނގަމުންދާގޮތާއި މެދު ސުވާލު ކޮށްފައެެވެ. އެގޮތުން އިންޑިއާ ސިފައިން ޔުނީފޯމް ނުލައި ކުލަ ހެދުމުގައި ރާއްޖެ އަންނަ ވާހަކަ ވަރަށް ގިނަ މީހުން ދައްކަމުންދާ ކަމަށެވެ. މިކަމުގެ ހަގީގަތަކީ ކޮބައިތޯ އޭނާ ވަނީ އައްސަވާފައެވެ.
އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ އެންމެ އިސް ޒިންމާއެއްގެ ގޮތުގައި ދެކެނީ ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭނެކަން ކަށަވަރު ކުރުން ކަމަށެވެ.
“އެހެންވީމަ މިހާރު ރާއްޖޭގައި ތިބި އިންޑިއާގެ މިލިޓްރީ ސިފައިން ރާއްޖެއިން ގެންދިއުމަށްޓަކައި އަޅުގަނޑުމެން ހުރިހާ މަސައްކަތްތަކެއް މި ދަނީ ކުރަމުން” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވި ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ މަސައްކަތް ފަށާފައިވާ ކަމަށާއި އެކަން ކުރަމުން ދަނީ ޑިޕްލޮމެޓިކްގެ ރިވެތި އުސޫލުގެ ތެރެއިން ކަަމަށެވެ. މިހާރުގެ މަޝްވަރާތައް ގޮސްފައިވާ ގޮތަށް ބަލާއިރު މި ފެށޭ މާޗު މަހު އެއް ޕްލެޓްފޯމްގެ ސިފައިން ރާއްޖެ ދޫކޮށް ދާނެކަމަށާއި ޖެހިގެން އަންނަ މެއި މަހުގެ 10 ވަނަ ދުވަހު ބާކީތިބި ސިފައިން ދާނެކަމުގެ ޔަގީންކަން ދޭކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ރޭވުންތެރިކަމާއެކު މަޝްވަރާގެ އުސޫލުން ކުރަމުންދާ މަސައްކަތުން ރާއްޖޭގައި އެއްވެސް ޤައުމެއްގެ ސިފައިން ނުތިބޭ ހިސާބަށް ވަރަަށް އަވަހަށް ގެންގޮސްދޭނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފައެވެ.