ޚަބަރު ސަރުކާރު

ފަޅު ރަށްތައް އިޙްތިޞާޞްތަކަށް ގެނައުމަށް މި ސަރުކާރުން ބާރު އަޅާނެ: ރައީސް

ޙައްވާ އިނާޝާ ، ދެން އޮންލައިން

ފަޅު ރަށްތައް އިޙްތިޞާޞްތަކަށް ގެނައުމަށް މި ސަރުކާރުން ބާރުއަޅާނެ ކަމަށާއި، އަދި މިފަދަ ރަށްރަށުގައި ކުދި އަދި މެދު ފަންތީގެ މަޝްރޫޢުތައް ކައުންސިލްގެ ފަރާތުން ހިންގުމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ކޮޅުމަޑުލު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު އެ އަތޮޅު ބުރުނީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ މިއަދު ހެނދުނު ބުރުނީ ސްކޫލްގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލްގެ ފަރާތުން ވަނީ ރަށަށް ބޭނުންވެފައިވާ ކަންކަމާއި، ރަށުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ބައެއް ގޮންޖެހުންތަކާއި، ބުރުނީގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ރައީސްއާ ޙިއްޞާކުރައްވާފައެވެ.

އެގޮތުން ބަނދަރުގެ އަޕްގްރޭޑިންގ މަސައްކަތް ހުއްޓިފައި ހުރުމުން ކުރިމަތިވާ ގޮންޖެހުންތަކާއި، ފެނުގެ ނިޒާމުގެ މަސައްކަތްވެސް ހުއްޓިފައި ހުރުމުން ދިމާވާ ގޮންޖެހުންތައް ޙިއްޞާކުރެއްވިއެވެ. އަދި ސްކޫލަށް ބޭނުންވާ ބައެއްކަންކަމާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

ހަމަ އެހެންމެ ކުރިއަށްއޮތްތާނގައި ބުރުނީގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ފާހަގަކުރައްވަމުން ކައުންސިލުންވަނީ ހައުސިންގ ޔުނިޓް ޤާއިމު ކުރުމަށާއި، ކުޑަކުދިންގެ ޕާކެއް ހެދުމަށް ބޭނުންވާ ކަމަށާއި، އޭ.ޓީ.އެމް ޚިދުމަތާއި، މަސްވެރިކަން ކުރުމަށް ސްޕޯޓް ފިޝިން ބޮޔެއް އަޅައިދިނުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ބުރުނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ފާހަގަކުރި ކަންކަމުގެ ތެރޭގައި، އަންހެނުންގެ ކޮމިޓީއަށްވެސް ރޯދަމަހުގެ އިނާޔަތާއި، މެޓަރނިޓީ ލީވް ހަމަޖައްސައިދިނުމަށް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް ވާހަކަ ދައްކަވަމުން، ހުއްޓިފައި ހުރި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މިގޮތުން ސަރުކާރުގެ ކުންފުނިތަކަށް އާމްދަނީ ލިބޭނެ މަގުފަހިކޮށްދިނުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފަޅު ރަށްތައް އިޙްތިޞާޞްތަކަށް ގެނައުމަށް މި ސަރުކާރުން ބާރުއަޅާނެ ކަމަށާއި، އަދި މިފަދަ ރަށްރަށުގައި ކުދި އަދި މެދު ފަންތީގެ މަޝްރޫޢުތައް ކައުންސިލްގެ ފަރާތުން ހިންގުމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!