ރަސްމީ ދަތުރުފުޅެއްގައި ރައީސް ޔޫއޭއީއަށް ފުރާވަޑައިގަންނަވަނީ

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާދަމަ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާ ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.
އެނގިފައިވާ ގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ ވޯލްޑް ގަވަރމަންޓްސް ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ވޯލްޑް ގަވަރމަންޓްސް ސަމިޓު ދުބާއީގައި ކުރިއަށް ދާނީ މި މަހުގެ 12 އިން 14 އަށެވެ. ރައީސްގެ އަރިހުގައި މި ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މީގެ އިތުރުން މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އެނބުރި މާލެ ވަޑައިގަންނަވާނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.
މީގެ ކުރިން ރައީސް ވަނީ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް އޮފް ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް-28) ގައި ބައިވެރިވެވަޑައިގަތުމަށް މިދިޔަ ނޮވެމްބަރުމަހު ޔޫއޭއީއަށް ވަޑައިގެންފައެވެ.