ޚަބަރު

ޝަރުތު ހަމަވާ މީހުންނަށް ފްލެޓު ދޫކުރަން އަންނަ ހަފުތާގައި ފަށަނީ

އަލީ ސަމާޙް ، ދެން އޮންލައިން
އެފްޑީސީން އަޅަމުންދާ ފްލެޓެއް

ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމި ފުލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތުހަމަވާ މީހުންނަށް ފުލެޓުތައް އަންނަ ހަފުތާގައި ދޫކުރަން ފެށޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިނިސްޓަރު އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތަރައްގީއާއި ތަރިކައާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ. ހައިދަރު ވިދާޅުވި ގޮތުގައި ޝަރުތު ހަމަވިކަމަށް އޭސީސީން އެންގި މީހުންނަށް ފުލެޓު ދިނުން ލަސްވަނީ ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް މިނިސްޓްރީއަށް ނުލިބޭތީއެވެ.

އޭސީސީން ބެކަޕެއް ހެދުމަށް ފަހު، "ދެތިން ދުވަހެއްގެ" ތެރޭގައި ޕޯޓަލްގެ އެކްސެސް މިނިސްޓްރީއަށް ދޭނެ ކަމަށް މި ހަފުތާގެ ކުރީކޮޅު ބުނެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހައިދަރު ވިދާޅުވި ގޮތުގައި އޭސީސީން ފޮނުވި ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި ހިމެނެނީ 824 މީހެކެވެ. އެގޮތުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ކުރީ ސަރުކާރުން ކަނޑައެޅި 4،000 މީހުންގެ ތެރެއިން 20 ޕަސެންޓް މީހުންނެވެ.

މީގެ އިތުރުން، މިނިސްޓަރު ވިދާޅުވީ މިހާރު އާންމުކޮށްފައިވާ ލިސްޓުގައި އޮތް ނަމަވެސް ޝަރުތުހަމަނުވާ މީހުންނަށް ފުލެޓު ދޫނުކުރާނެ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފުލެޓް ދިނުމަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި  މައްސަލަ އުޅޭ ކަމަށް ބުނެ އޭސީސީން ޖިނާއީ ތަހުގީގެއް ފެށިއެވެ. މި މަހުގެ އެއްވަނަ ދުވަހު އޭސީސީން ވަނީ ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހުއްދަ ދީފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!