ޚަބަރު ސަރުކާރު

ރާއްޖޭގައި އިންޑޯ ކޮމްޕްލެކްސްތައް ހުރުމަކީ މުހިއްމު ކަމެއް: މިނިސްޓަރު

ޙައްވާ އިނާޝާ ، ދެން އޮންލައިން

ޤައުމީ އަދި ބައިނަލްއަޤްވާމީ މުބާރާތްތައް ރާއްޖޭގައި ކުރިއަށް ގެންދާއިރު އިންޑޯ ކޮމްޕްލެކްސްތައް ހުރުމަކީ މުހިއްމު ކަމެއް ކަމަށް ޔޫތު މިނިސްޓަރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިނިސްޓަރު އަބްދުﷲ ރާފިއު މިހެން ވިދާޅުވީ ރަސްދޫ ކްލަބް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ އައުޓްޑޯ މުބާރާތެއް ކުރިއަށްދާއިރު ވާރޭ ވެހެން ފަށައިފި ނަމަ ދެން ޖެހެނީ މުބާރާތް ހުއްޓާލަން ކަމަށެވެ.

އެހެން ކަމުން ޤައުމީ އަދި ބައިނަލްއަޤްވާމީ މުބާރާތްތައް ރާއްޖޭގައި ކުރިއަށް ގެންދާއިރު އިންޑޯ ކޮމްޕްލެކްސްތައް ހުރުމަކީ މުހިއްމު ކަމެއް ކަމުގައި މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ ކުޅިވަރަކީވެސް ރާއްޖޭގެ އިޤްތިޞާދަށް ފައިދާ ވާނެކަމެއްގެ ގޮތުގައި ރާވާ ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

މިގޮތުން އެކަން ކުރެވޭނީ އަތޮޅުތެރޭގެ އެކި ސަރަހައްދުގައި ބައިނަލްއަޤްވާމީ އެކި މުބާރާތްތައްވެސް ބާއްވައިގެން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ހަމަ އެހެންމެ މިހާރުވެސް މަސައްކަތް ކުރަނީ މުބާރާތްތައް ރާއްޖޭގެ ރަށްރަށުގައި ނުވަތަ އަތޮޅުތަކުގައި ބާއްވަން ކަމަށާއި މިއޮތް ހުރިހާ ދުވަހު ކުޅިވަރަކީ އަމިއްލައަށް ޚަރަދުކުރާ ކަމެއްގެ ގޮތުގައި ވެފައިވާ ކަމަށާއި ނަމަވެސް މިކަން ބަދަލުކުރަންޖެހޭ ކަމަށް ރާފިޢު ވިދާޅުވިއެވެ.

މީގެ އިތުރުން މި އަހަރު ތެރޭގައި އއ.ރަސްދޫގައި އިންޑޯ ކޮމްޕްލެކްސްއެއް ތަރައްޤީ ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ހުއްޓިފައި އޮތް ވޮލީކޯޓުގެ މަޝްރޫޢު ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!