މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން މާދަމާ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ޝަރުތު ހަމަވި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން މާދަމާ އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އީސީން ކުރި އިއުލާނެއްގައި ބުނީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރަން ގުރުނެގުން އޮންނާނީ މާދަމާ މެންދުރު 14:30އިން ފެށިގެން ހަވީރު 18:30ގެ ނިޔަލަށް ދަރުބާރުގޭގައި ކަމަށެވެ.
ގުރުނަގާ ތަަނަށް ހާޒިރުނުވެވޭ ކެންޑިޑޭޓުންގެ ބަދަލުގައި ހާޒިރުވާ ފަރާތްތަކުން އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓެއްގެ ސިޓީ ގެންދަންޖެހޭނެ ކަމަށް އީސީން ވިދާޅުވިއެވެ.
ކެންޑިޑޭޓުންގެ ބަދަލުގައި އެހެން ފަރާތެއް ހާޒިރުނުވާ ނަމަ އެ ކެންޑިޑޭޓެއްގެ ގުރުނަގާނީ އީސީގެ ފަރާތުން ކަމަށް އެ އިއުލާންގައި ބުނެފައިވެއެވެ.
މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާން ހުޅުވާލި ސުންގަޑި ހަމަވިއިރު 381 ފޯމް ވަނީ ހުށަހަޅާފައެވެ. މި އިންތިހާބަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރެނީ ސަރުކާރު ހިންގާ ކޯލިޝަން ޕީޕީއެމް ޕީއެންސީނެވެ. އެ ކޯލިޝަނުން 90 ކެންޑިޑޭޓުން ކުރިމަތިލާއިރު އެމްޑީޕީން 89 ކެންޑިޑޭޓުން، ޑިމޮކްރެޓްސް 41 ކެންޑިޑޭޓުން، ޕީއެންއެފް އިން 49 ކެންޑިޑޭޓުން، އަދާލަތުން 4 ކެންޑިޑޭޓުން އަދި ޖުމްހޫރީ ޕާޓީން 10 ކެންޑިޑޭޓުން ވާދަކުރަން ވަނީ ފޯމު ހުށަހަޅާފައެވެ.
މިއަހަރުގެ މަޖިލިސް އިންތިޚާބު ބޭއްވުމަށް އިލެކްޝަނުން ނިންމަވާފައިވަނީ އަންނަ މާރިޗު މަހުގެ 17 ގައެވެ. ނަމަވެސް މަޖިލީހުގެ އިންތިހާބު ރޯދަ މަސް ނިމޭތާ ދިހަ ދުވަސް ފަހުން ބާއްވަން ރައްޔިތުން މަޖިލީހުން މިހާރު ވަނީ ފާސްކޮށްފައެވެ.