މަޖިލީހަށް ޖާބިރުގެ އިސްތިއުފާގެ ސިޓީއެއް ނުލިބޭ
ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ވިދާޅުވެފައިވާ، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އިސްތިއުފާގެ ސިޓީ ނުލިބޭ ކަމަށް މަޖިލީހުން ބުނެފިއެވެ.
މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވަނީ "ދެން" ނޫހަށް އެ ކަން ޔަގީންކޮށްދީފައެވެ.
ޖާބިރު އިސްތިއުފާ ދެއްވާފައިވާ ސިޓީއެއް ކުރިން މީޑިއާތަކަށް ލިބި މީޑިއާތަކުން އެ ގޮތަށް ހަބަރު ރިޕޯޓުކޮށްފައިވެއެވެ.
ނަވާރަވަނަ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑިއަށް ޖާބިރު އިންތިހާބުވީ އަމިއްލަ ގޮތުންނެވެ. އެމްޑީޕީގެ ޕްރައިމަރީގައި އެ ފަހަރު ވާދަކޮށް އޭނާ ބަލިވީއެވެ. ގާނޫނުގައި އޭރު ބުނަނީ ޕާޓީއެއްގެ ޕްރައިމަރީއަކުން ބަލިވާ މީހަކަށް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ ކަމަށެވެ. ޖާބިރަށް އެ ފަހަރު ވާދަކުރެވުނީ، އެއީ ގާނޫނު އަސާސީއާ ހިލާފު މާއްދާއެއް ކަމަށް ސުޕްރީމް ކޯޓުން ނިންމީމައެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް، އެމްޑީޕީގެ ޕްރައިމަރީން ޖާބިރު ކާމިޔާބު ހޯދިއެވެ. އެކަމަކު އާންމު ތަންތަނުގައި ބޭއަދަބީ ބަސްތަކާއި އިޝާރާތްތައް ބޭނުން ކުރައްވާ ކަމަށް ބުނެ ޕާޓީން އޭނާގެ ޓިކެޓު އަތުލިއެވެ. ދެން އަމިއްލަ ގޮތުން ޖާބިރު ވާދަކުރެއްވި އެވެ. އެކަމަކު އިތުރު ދައުރަކަށް އޭނާ އިންތިހާބެއް ނުވެއެވެ.
މި ފަހަރު ޖާބިރަށް ލިބިވަޑައިގަތީ 369 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ މުހައްމަދު ނަސީރަށް 396 ވޯޓު ލިބިވަޑައިގަތެވެ. އިންތިހާބު ކާމިޔާބު ކުރީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓު މުންތަޒިމް އިބްރާހިމް (މުންތަ) އެވެ. މުންތައަށް 1321 ވޯޓު ލިބިވަޑައިގަތެވެ.