Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ދިވެހިންނަށް ކަމުނުދަނީ ބަރުލަމާނީގެ ނަން، އެކަމަކު ވޯޓު ދެވެނީ އެ ސިފަތަކަށް: ހަސަން ލަތީފް

ދިވެހިންނަށް ކަމުނުދަނީ ބަރުލަމާނީގެ ނަން، އެކަމަކު ވޯޓު ދެވެނީ އެ ސިފަތަކަށް: ހަސަން ލަތީފް

ރައްޔިތުންނަށް ވެރިކަމުގެ ނިޒާމުތައް އެންމެ ރަނގަޅަށް ފަހުމުވާ ކަމެއް ސާފު ނުވާ ކަމަށާއި ނޭނގިގެން ވިޔަސް މިދިޔަ މަޖިލިސް އިންތިހާބުތަކުގައި ވޯޓު ދެވެނީ ބަރުލަމާނީ ނިޒާމެއް ގޮތަށް ވެރިކަން ހިންގަން ކަމަށް ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް މިރޭ ވިދާޅުވެއްޖެ އެވެ.

މި ވަގުތު ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ކަން ކުރައްވާ ހަސަން ލަތީފް އިޝާރާތް ކުރެއްވީ މަޖިލީހުގެ މިދިޔަ ތިން އިންތިހާބުގައި ވެސް، މެޖޯރިޓީ ގޮނޑިތައް ސަރުކާރު ހިންގާ ޕާޓީން ކާމިޔާބު ކުރި ކަމެވެ.

"އޯޝަންޓީވީ" ގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ކޮންމެ ފަހަރަކު ވެސް ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީއަށް ކޮންމެ ފަހަރަކު ވެސް މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ދެމުން ދިޔުމުން ދޭހަ ވަނީ ބަރުލަމާނީ ނިޒާމުގެ ސިފަތަކަށް ރައްޔިތުން ގަބޫލު ކުރާ ކަން ކަމަށެވެ.

Advertisement
HDC — Sidebar (box)

"ގިނަ ދިވެހިން، ބަރުލަމާނީ ނިޒާމު، އެ ނަން ކިޔުން [ގަޔާއެއް ނުވޭ]، އެކަމަކު އޭގެ ސިފަތައް ރައްޔިތުން ގަބޫލުކުރިތަން އަޅުގަނޑުމެންނަށް މި ފެންނަނީ،" ހަސަން ލަތީފް ވިދާޅުވި އެވެ.

އެހެން ވިދާޅުވުމަށް ފަހު ވެސް އޭނާ ދެން ވިދާޅުވަނީ ބަރުލަމާނީ ނިޒާމު މި ވަގުތު ގެނައުމަށް ވަކާލާތު ނުކުރައްވާ ކަމަށެވެ. އެކަމަކު ރައްޔިތުންނަށް ވެރިކަމުގެ ނިޒާމުގެ ކަންކަން ސާފުނުވާ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ މިހާރު މިއީ ވަގުތު ނޫންތޯއޭ، އަޅުގަނޑު ކޮންމެހެން ނިޒާމަށް ވަކާލަތު ކުރަނީއެއް ނޫން،" ހަސަން ވިދާޅުވި އެވެ.

ފެހި ގާނޫނު އަސާސީއަށް ފަހު ބޭއްވި ފުރަތަމަ މަޖިލިސް އިންތިހާބުގައި އޭރުގެ ރައީސް މުހައްމަދު ނަޝީދަށް އަގުލަބިއްޔަތު ލިބިފައެއް ނުވެ އެވެ. ސަތާރަވަނަ މަޖިލީހުގެ 77 ގޮނޑީގެ ތެރެއިން، ނަޝީދު އޭރު ލީޑު ކުރެއްވި އެމްޑީޕީއަށް ލިބުނީ 26 ގޮނޑި އެވެ. އިދިކޮޅު ޑީއާރުޕީ-ޕީއޭއަށް 35 ގޮނޑި ލިބުނެވެ.

އަށާރަވަނަ މަޖިލީހުގެ އިންތިހާބުގައި މެޖޯރިޓީ ދިނީ އޭރު ވެރިކަން ކުރާ ޕީޕީއެމަށެވެ. އޭރުގެ ރައީސް އަބްދުﷲ ޔާމީން ލީޑްކުރެއްވި ޕީޕީއެމަށް މަޖިލީހުގެ 85 ގޮނޑީގެ ތެރެއިން 35 ގޮނޑި ލިބުނު އިރު އެ ޕާޓީއާ އެކީ ކޯލިޝަން ހެދި ޖުމްހޫރީ ޕާޓީއަށް 15 ގޮނޑި އަދި އެމްޑީއޭއަށް ހަތް ގޮނޑި ލިބުނެވެ.

https://twitter.com/oceantvnetwork/status/1786063199055622564

ނަވާރަވަނަ މަޖިލީހުގެ އިންތިހާބު އެމްޑީޕީން ކާމިޔާބުކުރީ އިތުރު އެހެން ޕާޓީއަކާ ނުގުޅި އެވެ. އޭރު ސަރުކާރު ހިންގަން ކޯލިޝަނެއް އޮތް ނަމަވެސް، ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށް، މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 65 ގޮނޑި ކާމިޔާބުކުރި އެވެ. ފުރަތަމަ ފަހަރަށް ޕާޓީއަކަށް ސުޕަ މެޖޯރިޓީ ލިބުނެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް ވަރަށް ބޮޑަށް މެޖޯރިޓީއެއް ލިބިފައިވެ އެވެ. ސަރުކާރަށް ތާއީދުކޮށް ގިނަ ކެންޑިޑޭޓުންތަކެއް އެއް ދާއިރާއަށް ނުކުތަސް ގިނަ ވޯޓު ހޯދާފައި ހުރީ ސަރުކާރުގެ ތާއީދު އޮތް ކެންޑިޑޭޓުންނެވެ. މަޖިލީހުގައި ސަރުކާރަށް ތާއީދުކުރާ މެންބަރުންގެ އަދަދު 77 އަށް އަރަ އެވެ. ވިހިވަނަ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަކީ 93 އެވެ.

ބަރުލަމާނީ ނިޒާމުގެ ވާހަކަ ހަސަން ލަތީފް ދެއްކެވި އިރު، އެއީ އޭނާ ނިސްބަތްވާ ޑިމޮކްރެޓްސް އުފެދުމުގެ އެއް ސަބަބު ކަމަށް ބުނެވިދާނެ އެވެ. ޑިމޮކްރެޓްސްއަކީ އެމްޑީޕީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރި މެންބަރުން އެ ޕާޓީ ދޫކޮށް އުފެއްދި ޕާޓީއެކެވެ. ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ދެމެދު އުފެދުނު އެންމެ ބޮޑު އެއް ހިޔާލު ތަފާތު ވުމަކީ ވެސް ވެރިކަމުގެ ނިޒާމުގެ މައްސަލަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް