ޚަބަރު

މާލީ ނިޒާމުގެ އިތުބާރު ގެއްލުވާލަން ބަޔަކު މަސައްކަތްކުރަނީ ސިޔާސީގޮތުން މާޔޫސްވެގެން: ސައީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގެ މާލީ ނިޒާމުގެ އަގު ވައްޓާލަން ބަޔަކު މަސައްކަތްކުރަނީ ސިޔާސީގޮތުން މާޔޫސްވެގެންކަމަށް ވިޔަފާރިއާއި އިގްތިސާދީ ތަރައްގީއާބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އިގްތިސާދީ ތަރައްގީއާބެހޭ ވަޒީރު މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ހަގީގަތާއި ހިލާފު ވާހަކަތަކެއް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަށް ގޮސް، އައިއެމްއެފް ޕްރޮގްރާމެއްގެ ތެރެއިން އެހީ ހޯދަން އުޅޭކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ވާހަކަތަކެއް ފަތުރާފައެވެ. ނަމަވެސް ސަރުކާރުން ވަނީ އެ ވާހަކަތައް ދޮގުކުރައްވާފައެވެ.

އިގްތިސާދީ ތަރައްގީއާބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖޭގެ މާލީ ނިޒާމްގެ އިތުބާރު ގެއްލުވާލަން ފިލާ ތިބެ ބަޔަކު މަސައްކަތްކުރަނީ އެ ފަރާތްތަކުން އިންތިޒާރުކުރި ގޯސްހާލަތަށް ރާއްޖޭގެ އިޤްތިޞާދު ވައްޓާ ނުލެވުމުންކަމަށެވެ. އަދި އެއީ ސިޔާސީގޮތުން މާޔޫސްވެގެން ބަޔަކު ކުރާކަމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖެއިން މާލީ އިދާރާތަކުގެ ވަކި ޕްރޮގްރާމެއްގައި ބައިވެރިވާކަށް ނުޖެހޭކަމަށެވެ. އަދި އިޤްތިޞާދީ ޙާލަތު އަންނަނީ ކުރިން ލަފާކުރިވަރަށްވުރެވެސް ބާރަށް ރަނގަޅުވަމުންކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދު ދަށަށްދާކަމަށް ބަޔަކު ބުނިނަމަވެސް، ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ވަނީ ރާއްޖޭގެ އިގްތިސާދަށް މިއަަހަރު 5 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެކަމަށް ލަފާކޮށްފައެވެ. އަދި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ރާއްޖެ އިގްތިސާދު ބޮޑު ނުރައްކަލެއްގެ ތެރޭގައި އޮތްނަމަވެސް ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންކަންވެސް މާލީ އިދާރާތަކުން ފާހަގަކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!