ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް ފަރުހާދު އަދި ނަވީން އައްޔަންކޮށްފި
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން މިއަދު އައްޔަން ކުރައްވައިފިއެވެ.
އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީންއަށް މަގާމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެން ޓެކްނޮލޮޖީ ޢަލީ އިހުސާންއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެން ޓެކްނޮލޮޖީ ޢަލީ އިހުސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި ފުލުހުންގެ ސީނިއަރ އޮފިސަރުން ބައިވެރިވެލެއްވިއެވެ.
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުޙާދު ފިކުރީ ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތީ 1991 މާރިޗު 30 ވަނަ ދުވަހުއެވެ. ފުލުހުންގެ ޚިދުމަތުގައި މި ހޭދަކުރެއްވި 32 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާތު އެކި ބަހާތަކުގައި މަސައްކަތްޕުޅު ކުރައްވާފައިވާފައިވެއެވެ. އެގޮތުން އޮޕަރޭޝަނަލް ދާއިރާ، ތަހުގީގީ ދާއިރާ، އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ބަހަތާކުގެ ވެރިއެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރައްވާފައިވެއެވެ. އަދި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރެއްވުމާ ހަމަައަށް ހުންނެވީ ހެޑް އޮފް އޮޕަރޭޝަނަލް ސަޕޯޓް ކޮމާންޑް އަދި ޕީޕަލްސް ޑައިރެކްޓްރޭޓްގެ އެކްޓިންގ ހެޑްގެ މަގާމުގައެވެ.
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތީ 1994 ޖުލައި 7 ވަނަ ދުވަހުއެވެ. ފުލުހުންގެ ޚިދުމަތުގައި ހޭދަކުރެއްވި 29 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާތު އެކި ބަހާތަކުގައި މަސައްކަތްޕުޅު ކުރައްވާފައިވާފައިވެއެވެ. އެގޮތުން އޮޕަރޭޝަނަލް ދާއިރާ، ތަހުގީގީ ދާއިރާ، އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ބަހަތާކުގެ ވެރިއެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރައްވާފައިވެއެވެ. އަދި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރެއްވުމާ ހަމަައަށް ހުންނެވީ ހެޑް އޮފް ކޯޕަރޭޓް ސަރވިސަސް ޑައިރެކްޓްރޭޓްގެ މަގާމުގައެވެ.