ސިޔާސީ ކަންކަމަށްވުރެ ޤައުމު އިސްކުރެއްވުމުން އިޤްތިޞާދީ މާހިރުންގެ ތައުރީފް ރައީސަށް ލިބުނު: ސައީދު
ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނެންގެވި ފިޔަވަޅުތަކާއެކު އައިއެމްއެފާއި އައިއެފްސީގެ ތައުރީފް ރައީސަށް ލިބިވަޑައިގަތް ކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިިހެން ވިދާޅުވީ, ރައީސް މިހާރު ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހއ. ހޯރަފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ސައީދު ވިދާޅުވީ, ރައީސް މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގަތްއިރު ރާއްޖޭގެ އިޤްތިޞާދީ ހާލަތު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ. އެގޮތުން ރައީސް ފިޔަވަޅު ނޭޅުއްވިނަމަ, ފެބްރުއަރީ މަސް ނިމޭއިރު ރާއްޖެ އޮންނާނީ ވަރަށް ބޮޑަށް ދަރަނިވެރިވެފައި ކަމަށް ސައީދު ވިދާޅުވިއެވެ.
ފިޔަވަޅުތައް ރައީސް ނޭޅުއްވިނަމަ ފެބްރުއަރީ މަސް އަންނަނައިރު, އަސާސީ ޚިދުމަތެއް ނުދެވޭ ވަރަށް ކަންކަން ގޮސްފައި އޮންނާނީ" ސައީދު ވިދާޅުވިއެވެ.
ސައީދުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ, އިޤްތިޞާދީ ކާރިސާއަކުން ރާއްޖެ ސަލާމަތްވީ ރައީސް މުއިއްޒު ނެންގެވި ފިޔަވަޅުތަކުން ކަމަށެވެ. އަދި އެކަމަށް ދުނިޔޭގެ އިޤްތިޞާދީ މާހިރުން ތައުރީފް ކުރައްވާ ކަަމަށް ވިދާޅުވިއެވެ.
"އައިއެމްއެފްގެ ފަރާތުން އެމަނިކުފާނަށް ދެންނެވި, ރައީސް ތިމަންނަމެން ހީއެއް ނުކުރަމޭ ރައީސް މި ރާއްޖެ މިއޮތް ހާލަތުގައި ތިހާ ބޮޑު ކޮމިޓްމަންޓެއް, އަދި ޚާއްސަކޮށް ކުރަޔަށް އެހާ ބޮޑު އިންތިޚާބެއް އޮއްވާ ތިކަންކަން ނިންމަވާފައިވާނެ ކަމަށް" ސައީދު ވިދާޅުވީ, ސިޔާސީ މީހަކު, ސިޔާސީ ކަންކަމަށްވުރެ ޤައުމު އިސްކުރެއްވުމުން އައިއެމްއެފްގެ ތައުރީފް ރައީސަށް ލިބުނު ކަމަށެވެ.
"ސިޔާސީ ވެރިޔަކޭ ތިއީ. އެހެންނަމަވެސް ސިޔާސީ ކަންކަމަށްވުރެ ޤައުމޭ ތި އިސްކުރެއްވީ. ހަމަ ހަޤީޤަތުގައި ވެސް އެތައް ފަހަރަކު އެކަން ފާހަގަ ކުރައްވާ ރައީސަށް ޝުކުރު އެ ބޭފުޅުން ދެންނެވި"
ސައީދުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ, ރައީސް މުއިއްޒުގެ ޚާރިޖީ ސިޔާސަތުކަތާއި އިޤްތިޞާދީ ސިޔާސަތުތަކިގެ ސަބަބުން އައިއެމްއެފް ފަދަ އިދާރާތަކުންނާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން ރާއްޖެއަށް އެހީތެރިވުމަށް ނިންމާފައިވާ ކަަމަށެވެ. އެގޮތުން އެެމެރިކާއާއި ޔޫރަޕާއެކު ވެސް ރާއްޖޭގެ ގުޅުން ވަރަށް ގާތް ވަމުން އަންނަ ކަމަށައި, އަރަބި ދުނިޔެއާއެކު ވެސް ރާއްޖޭގެ ގުޅުން ރަނގަޅު އަންނަކަން ފާހަގަ ކުރެއްވިއެވެ. އަދި އެ ފަރަތާތްތަކުގެ އެއްބާރުލުމާއެކު ރާއްޖޭގެ އިޤްތިޞާދަށް ހީވެސް ނުކުރާވަރުގެ ވަރުގަދަ ބަދަލުތަކެއް އަންނާނެ ކަަމަށް ސައީދު ވިދާޅުވިއެވެ.
"ތިބޭފުޅުން އިންތިޒާރު ކުރައްވާ ޕްރޮޖެކްޓްތަކާއި މަޝްރޫއުތަކާއި ކަންކަން ކުރިޔަށް ދެން ހިނގާނީ ނުހުއްޓޭ ގޮތަށް ބާރު ސްޕީޑްގައި. ދެން މިޤައުމު ހިނގާނީ ދަރަނި މަދުވެ, އަރަނި އިތުރުވާ ގޮތަށް. އިރާދަ ކުރެއްވިއްޔާ, ދެން މިޤައުމު ހިނގާނީ މަޝްރޫއުތަކުން އަޅުގަނޑުމެންގެ ދަރިންނަށް ބުރައެއް އުފުލަން ނުޖެހޭ ގޮތަށް" ސައީދު ވިދާޅުވިއެވެ.