ޚަބަރު

މައުސޫމް އަލުން މަގާމުގެ ހުވާ ކުރައްވައިފި

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވާފައިވާ ޑރ. އަބްދުﷲ މައުސޫމް އަލުން މަގާމުގެ ހުވާ ކުރައްވައިފިއެވެ.

Ads by STELCO

މައުސޫމް އަލުން މަގާމުގެ ހުވާ ކުރެއްވުމާ ގުޅިގެން އޭނާ އަށް ރުހުން ހޯއްދެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ މަޖިލީހަށް ފޮނުއްވާފައެވެ. އެ މައްސަލަ މިހާރު ވަނީ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީ އަށް ފޮނުއްވާފައެވެ.

މައުސޫމް އަލުން މަގާމުގެ ހުވާ ކުރައްވާފައިމިވަނީ އޭނާ އަލުން މަގާމުގެ ހުވާ ކުރައްވަން ރައީސް ސޯލިހަށް ލަފާ އަރުވަން ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކުރުމާ ގުޅިގެންނެވެ.

ކޮމިޓީން އެގޮތަށް ފާސްކުރީ ވަޒީރުކަމުގެ ހުވާ ކުރެއްވިއިރު އަމިއްލަ ކުންފުންޏެއް ހިންގުމުގައި އޭނާ ހުންނެވުމާއި ގުޅިގެންނެވެ. މައުސޫމް އެ ކުންފުނިން އިސްތިއުފާ ދެއްވީ މަގާމުގެ ހުވާ ކުރެއްވުމަށްފަހުއެވެ. އެގޮތުން މަޖިލީހުގެ މެމްބަރުން ވަނީ ވަޒީރުކަމުގެ މަގާމާއި ހަވާލުވުމުގެ ކުރިން އެފަދަ މަގާމުތަކުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށާއި މަގާމާއި ހަވާލުވުމަށްފަހު ދެން އިސްތިއުފާ ދެއްވުމުން މައުސޫމްގެ ހުވަޔާ މެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވެފައެވެ.

އަދި ގިނަ މެމްބަރުން ވަނީ މައުސޫމް ކުރެއްވި ހުވާ ގާނޫނު އަސާސީއާ ހިލާފު ކަމަށާއި ރުހުން ދެވޭނީ ސައްހަ ހުވަޔެއް ކުރައްވައިގެން ވަޑައިގެންނެވުމުން ކަމަށް ވިދާޅުވެފައެވެ.

ޓޫރިޒަމް މިނިސްޓަރު ކަމަށް މައުސޫމް އެންމެ ފުރަތަމަ އައްޔަން ކުރައްވާފައިވަނީ މި މަހުގެ ހަވަނަ ދުވަހުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!