ވެރިކަމުގެ ފުރަތަމަ 100 ދުވަސް ތެރޭގައި ރައީސްގެ ދެކަނބަލުންގެ ކެއުމުގެ ހަރަދަށް 30 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ބުނެ ދައްކަމުން ގެންދާ ވާހަކަތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދޮގުކުރައްވައިފިއެވެ.
ރައީސް މުއިއްޒު އެކަން ދޮގުކުރެއްވީ އާންމުންނަށް، ރައީސާ ސުވާލުކުރެވޭ ގޮތަށް ކުރިއަށް ގެންދާ ''ރައީސްގެ ޖަވާބު'' ގައި މީހަކު ކުރި ސުވާލެއްގެ ޖަވާބުގައެވެ.
ނޮވެމްބަރު 17 ގައި ރައީސް ކަމުގެ ހުވާކުރި ފަހުން 100 ދުވަސް ހަމަވިއިރު, މިމުއްދަތުގައި ރައީސާއި އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރިއްކޮޅަށް އެކަނި 30 މިލިއަން ދިވެހި ރުފިޔާ ހަރަދުކޮށްފައިވާކަމަށް މުލިއާގޭ ޕްރޮކިއުމަންޓުން ހާމަވެފައިވާ ކަމަށް ބުނެ ވެބްސައިޓެއްގައި ލިޔެފައިވާ އާޓިކަލެއް ދަނީ ސޯޝަލް މީޑީއާގައި ދައުުރުވަމުންނެވެ.
އާންމުންގެ ފަރާތުން ސުވާލު ކުރީ މީހާ ވަނީ ފަތުރަމުންދާ ވާހަކަތަކުގެ ހަގީގަތަކާއި ކޮބައިތޯ އަހާފައެވެ.
އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ އެމަނިކުފާނާ ގުޅޭގޮތުން އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަ ފަތުރަމުންދާތަން ފަހަކަށް އައިސް ފެންނަމުންދާ ކަމަށެވެ. ހާއްސަކޮށް ހަރަދާ ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކަށް އަދި މިހާތަނަށް ޖަވާބުދެވިފައިނުވާ ކަމަށް އެހެންވެ އެ ފުރުސަތު ލިބިވަޑައިގަތުމުން ރައީސް ވަނީ އެކަން އޮޅުންފިލުވައި ދެއްވާފައެވެ.
ރައީސް ވިދާޅުވީ ވެރިކަމަށް ވަޑައިގަތް ފަހުން އެމަނިކުފާނުގެ ގެކޮޅު ދިމްޔާތުގައި ހޭދަކުރެއްވި ދުވަސްތަކަށް 25 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަަ ކަމަށާއި ގޭގައި ހުރީ އަމިއްލަ ހަރަދުގައި ކަމަށެވެ. ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން މުލިއާ ގޭގެ މަރާމަތުގެ މަސައްކަތް ކުރިއަށްދާތީވެ ފެބްރުއަރީ މަހާ ހަމަޔަށް ރައީސް ދިރިއުޅުއްވަމުން ގެންދެވީ ދިމްޔާތުގައެވެ.
"އަޅުގަނޑު ގޭގައި ހުރީ އަމިއްލަ ހަރަދުގަ. ދަޢުލަތުގެ އެންމެ ރުފިޔާއެއްވެސް ހޭދަކޮށްފައެއް ނުވާނެ. އެއްވެސް ހަަރަދެއް ކޮށްފައެއް ނުވާނެ. ސެކިއުރިޓީން ވެސް ހަމަ ތިބޭ. ކެއުމަށް ވެސް އެއްވެސް ކަމަކަށް ސަރުކާރުން ހަރަދުކޮށްފައެއް ނުވާނެ" ރައީސް ވިދާޅުވިއެވެ.
ކެއުމުގެ ހަރަދަށް ހޭދަކޮށްފައިވާ ކަމަށް ބުނަމުންދާ އަދަދުތަކާއި ގުޅޭ ގޮތުން ކުރި ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ އެއީ ބުއްދި ހަމަ ޖެހޭ މީހަކަށް ވެސް ގަބޫލު ކުރެވޭނެ ވާހަކައެއް ނޫން ކަމަަށެވެ.
"ބުއްދީގެ ހަމަތަކުން ބަލާއިރުވެސް ހަމަޖެހޭ ވާހަކައެއް ނޫން އެއީ. 30 މިލިއަން ރުފިޔާ 100 ދުވަސް ތެރޭގަ ކާން ހަރަދުކުރުން." އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މުލިއާގޭގެ ބަޖެޓުގައި ވެސް ކެއުމުގެ ހަރަދަށް ކަނޑައަޅާފައި ވަނީ އަހަރަކު ހަތް ލައްކަ ރުފިޔާ ކަމަށާއި އެފަދަ ވާހަކަތައް ދައްކަނީ އިދިކޮޅުން ކަމަށެވެ. އެއީ ދައްކާނެ އިތުރު ވާހަކައެއް ނެތުމުން ފަތުރާ ވާހަކަތައް ކަމަށާއި އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރަނީ ދެފުށް ފެންނަ ގޮތުގެ މަތިން ކަމަށް ވިދާޅުވިއެެވެ.