ޚަބަރު

އެޕްރީލް 25އިން ފެށިގެން މޯލްޑިވިއަން އިން ލަންކާ އަށް ދަތުރުތައް ފަށަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ގައުމީ އެއާލައިން މޯލްޑިވިއަން އިން އަންނަ އޭޕްރީލް އިން ފެށިގެން ސްރީލަންކާ އަށް ދަތުރުތައް ފަށަން ނިންމައިފިއެވެ.

Ads by MWSC

މޯލްޑިވިއަން އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މޯލްޑިވިއަން އިން ސްރީލަންކާގެ ކޮލަމްބޯގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް 25 އޭޕްރީލް 2024 އިން ފެށިގެން ހިދުމަތް ދޭން ފަށާނެ ކަމަށާއި އެއީ އުފާކުރާ ކަމެއް ކަމަށެވެ.

މި ދަތުރުތައް ފުޅާކުރުމުގެ ސަބަބުން ބައިނަލްއަޤްވާމީ މުހިންމު މަންޒިލްތަކާ ރާއްޖެ ގުޅާލުމާއި، ފަސިންޖަރުންނަށް ދަތުރުފަތުރުކުރުމުގެ ފުރުޞަތުތައް އިތުރުކުރުމާއި، ސަގާފީ އަދި އިޤްތިޞާދީ މުޢާމަލާތްތައް ކުރިއެރުވުމަށް މޯލްޑިވިއަންއިން ކުރަމުން ގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ލަޔާސް ވިދާޅުވީ، ކޮލަމްބޯއަށް މޯލްޑިވިއަންގެ ދަތުރުތައް ފަށައި، ރާއްޖެއާއި ސްރީލަންކާ ވިޔަފާރީގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ގުޅުވާލުމަކީވަރަށް ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރަމުން އައި ކަމެއް ކަމަށެވެ.

"މިއީ ބައިނަލްއަޤްވާމީ ނެޓްވޯކް ފުޅާވެ، ދިވެހިރާއްޖެ މުޅި ދުނިޔެއާ ގުޅުވާލުމަށް ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމެވެ. އަދި މިކަމުގައި އެހީތެރިވެ، އެމަގު ފަހިކޮށްދިނުމަށް ޓަކައި ޝާމިލްވާ އެންމެހާ ފަރާތްތަކަށާއި ބައިވެރިންނަށް ޝުކުރު ދަންނަވަން" ލަޔާސް ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ކޮލަމްބޯއަށް ހަފްތާއަކު ދެ ފްލައިޓް ބާއްވަން ވަނީ ނިންމާފައެވެ. މި ޝެޑިއުލް ފަރުމާކޮށްފައި ވަނީ ޗުއްޓީ ހޭދަކުރާ މީހުންނާއި ވިޔަފާރީގެ ދަތުރުވެރިންގެ ބޭނުންތައް ފުއްދައިދީ، ހަފްތާ ބަންދުގެ ދަތުރުތަކަށް ފުރުސަތުތައް ފަހިކޮށްދޭ ގޮތަށެވެ. މޯލްޑިވިއަނުން ވިދާޅުވީ މިއަދުން ފެށިގެން ޓިކެޓު ބުކް ކުރެވޭނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!