މަޖިލީސް އިންތިހާބު އޮންނަ ދުވަހު ސަރުކާރު ބަންދު ކުރާނަން: ރައީސް
ރައްޔިތުން މަޖިލީހުގެ އިންތިހާބު ބާއްވާ ތާރިހު ކަމަށްވާ އޭޕްރީލް މަހުގެ 21 ވަނަ ދުވަަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ދާދި ދެންމެއެކު ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހު އިންތިހާބު ބާއްވަނީ އީސީއަށް، އެމަނިކުފާނު ނުފޫޒު ފޯރުވައިގެން ކަމަށް އިދިކޮޅު އެމްޑީޕީން ދަނީ ތުހުމަތު ކުރަމުންނެވެ. ރާއްޖޭގައި އާއްމުކޮށް އިންތިހާބު ބާއްވަނީ ހޮނިހިރު ދުވަހުއެވެ.
ރ. ދުވާފަރު ރައްޔިތުންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންނަށް ވޯޓުނުލެވޭ ގޮތަށް އެމަނިކުފާނު ކަންތައް ކުރައްވަމުން ގެންދަވާ ކަމަށް އިދިކޮޅު ފަރާތްތަކުން ވިދާޅުވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރެއްވީ މަޖިލީހުން ފާސްކުރި ގޮތަށް ކަމަށް ވިދާޅުވިއެވެ.
''.. އޭގައި އޮތް ގޮތުން އިލެކްޝަން ކޮމިޝަނަށް މަޖުބޫރު މިވަނީ 21 އޭޕްރީލް ގައި އިންތިހާބު ބާއްވާން. އެ ދުވަސް ދިމާވަނީ އާދިއްތަ ދުވަހަކާ. އަޅުގަނޑަށްވެސް ފެނުނީ ނޫހުން އެ ދުވަސް ކަނޑައަޅާފައިވާކަން އީސީން އިއުލާންކުރީ'' ރައީސް ވިދާޅުވިއެވެ.
އެހެން އޮތުމުން އީސީން އެކަން އޮޅުންފިލުއްވާފައިވާ ކަމަށާއި، ގާނޫނު ފާސްކޮށްފައިވާ ގޮތުން އިންތިހާބު ބާއްވާ ދުވަސް، އާއްމުކޮށް އިންތިހާބު ބާއްވަމުން އަންނަ ހޮނިހިރު ދުވަހުގައި ބޭއްވެން ނެތް ކަމަށް އީސީން އަންގާފައިވާ ކަމަށް ވިދާޅުވިއެވެ.
އެހެންވެ އެ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިދޭނެ ކަމަށް ރައީސް ވަނީ އީސީއަށް އަންގަވާފައެވެ.
''... އަޅުގަނޑު ދަންނަވާފައި އޮންނާނީ ތިބޭފުޅުން (އީސީ) އިން ތި ގޮތަށް ނިންމާ އިއުލާންކޮށްފައޭ ތިއޮތީ. އެހެންވީމަ އަޅުގަނޑު އެ ދުވަސް (އާދިއްތަ) ބަންދުކުރާނަމޭ" ރައީސް ވިދާޅުވިއެވެ. އެމްޑީޕީއަށް ބަހުގެ ހަމަލާތައް ފޮނުއްވަމުން ރައީސް ވިދާޅުވީ އިދިކޮޅަށް އެނގޭހާވެސް ކަމަކީ ''ދޮގު ހެދުން'' ކަމަށެވެ.
އީސީގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެފައިވާ ގޮތުންނަމަ މިހާރު ކަނޑައަޅާފައިވާ ތާރީހަށް ވުރެން އިންތިހާބު ލަސްކޮށްފިނަމަ މިހާރުގެ މަޖިލިސް އުވޭއިރަށް އާ މަޖިލިސް އިންތިހާބު ނުކުރެވި ގާނޫނީ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު އެބައޮތެވެ.