އިންޑިއާއިން ފޮނުވާ ހެލިކޮޕްޓަރާއި ކުރޫއިންގެ ކޮންޓްރޯލް އޮންނާނީ ދިވެހި އަސްކަރިއްޔާގައި: އެމްއެންޑީއެފް
އިންޑިއާއިން ރާއްޖެ ހަދިޔާކުރާ ހެލިކޮޕްޓަރާއި އެ ހެލިކޮޕްޓަރު ދުއްވުމަށް އަންނަ އިންޑިއާގެ އަސްކަރިއްޔާއަށް ނިސްބަތްނުވާ ކުރޫއިންގެ އޮޕަރޭޝަނަލް ކޮންޓްރޯލް އޮންނާނީ ދިވެހި އަސްކަރިއްޔާގައިިކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.
ހަފުތާ 14ގެ ވައުދުތަކާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޑީއެފްގެ ޕްރިންސިޕަލް ޑިރެކްޓަރ ޕްލޭންސް ޕޮލިސީ އެންޑް ރިސޯސް މެނޭޖްމަންޓު ކާނަލް އަހްމަދު މުޖުތަބާ މުހައްމަދު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލުމުގެ ކަންކަން ކުރިއަށްދަނީ ވަރަށް ބޮޑެތި ޑިޕްލޮމެޓިކް މަޝްވަރާތަކެއްގެ ތެރެއިންކަމަށެވެ. އެގޮތުން ސަރުކާރުން ނިންމާފައިވާ ގޮތަށް މޭ މަހުގެ 10 ވަނަ ދުވަހުގެ ފަހުން ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ގާއިމުވެ ނުތިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އައްޑޫ ސިޓީ ގަމުގައި އޮޕަރޭޓްކުރަމުންދިޔަ އިންޑިއާގެ ހެލިކޮޕްޓަރު މަރާމާތަށް ފޮނުވާލުމަށް ނިންމާފައިވާއިރު އޭގެ ބަދަލުގައި ގެންނަ ހެލިކޮޕްޓަރާއެކު 26 ސިވިލިއަނުން މިހާރު ރާއްޖެ އައިސްފައިވާކަމަށް މުޖުތަބާ ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށް ދަނީ އެ މީހުން ފެމިލިއަރައިޒްކުރުމުގެ މަރުހަލާކަމަށާއި އެ މަރުހަލާ ނިމުމާއެކު ތާވަލާ އެއްގޮތަށް އިންޑިއާ ސިފައިން ފުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މުޖްތަބާ ވިދާޅުވީ ހެލިކޮޕްޓަރު ހިފައިގެން އައި އިންޑިއާގެ ސިވިލިއަނުންނާއި އުޅަނދުތަކުގެ އޮޕަރޭޝަނަލް ކޮންޓްރޯލް އޮންނާނީ ދިވެހި ސިފައިންގެ އަތްމަތީގައިކަމަށެވެ.
"އަވާސް ހަމަވީމަ މެއިންޓަނަންސް ޓާން އެރައުންޑެއް ހަދާނެ. އޭގެ ތެރެއިން މިހާރު އޮތް ހެލިކޮޕްޓަރު ބަދަލު އެވީ. މަރާމާތައް ގެންދަން ޖެހޭ ހެލިކޮޕަޓަރު ހިފައިގެން މަނަވަރުވެސް ފުރައިފި. މިހާރު އަލަށް ސްޓޭޝަން ކުރި ހެލިކޮޕްޓަރުގެ ފެމިލިއަޒޭޝަންއެއް މި ހަދަނީ. މިކަން ނިމުނީމަ އައްޑޫގައި ތިބި ސިފައިން ފުރާނެ"
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ޤައުމަށް ފޮނުވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅެކެވެ. މިގޮތުން ރާއްޖޭގައި ޤާއިމްކޮށްފައިވާ އިންޑިއާގެ 3 އޭވިއޭޝަން ޕްލެޓްފޯމްގެ ތެރެއިން 1 ޕްލެޓްފޯމްގައި ތިބި އިންޑިއާ ސިފައިން 10 މާޗުގެ ކުރިން ރާއްޖެއިން ފޮނުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވައުދުވެވަޑައިގެންފައެވެ. އަދި އަނެއް ދެ ޕްލެޓްފޯމްގައި ތިބި ސިފައިންވެސް އަންނަ މޭމަހުގެ 10 ދުވަހުގެ ކުރިން އަނބުރާ ޤައުމަށް ފޮނުވާލައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ދެއްވާފައެވެ.