ހިޔާ ފްލެޓުތަކުގައި ބަލި މީހުން އުފުލުމަށް ސްޓްރެޗާ ލިފްޓު ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.
އެއީ ރައީސް މުއިއްޒު، ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ކުރިއަށް ގެންދެވި މަޝްރޫއެކެވެ. ނަމަވެސް ހިޔާ ޓަވަރުތަކުގައި މީހުން ދިރިއުޅޭ އަދަދަށް ބަލާއިރު ލިފްޓުތައް މަދު ކަމުގެ ޝަކުވާއާއި ބަލި މީހުން އުފުލުމަށް ގޮންޖެހުންތައް ހުރި ކަމުގެ ޝަކުވާ އާންމުން ކުރާއިރު މި ސަރުކާރުން ވެސް ވަނީ ޓަވަރުތައް ޑިޒައިން ކޮށްފައިވާ ގޮތަށް ފާޑުކިޔައިފައެވެ.
ރައީސާ ސުވާލުކުރެވޭ ގޮތަށް ކުރިއަށް ގެންދާ ރައީސް އޮފީހުން ސިލްސިލާކޮށް ކުރިއަށްގެންދާ ''ރައީސްގެ ޖަވާބު'' ގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތައް ހަރުކުރާއިރު ބަލިމީހުން އުފުލާ ބާލަން ފަސޭހަ އިންތިޒާމެއް ހަމަޖެހޭނެތޯ މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވަނީ މިހާރު ހަރުލުރަމުންދާ ލިފްޓްތަކުގައި ބަލި މީހުން އުފުލުމަށް ސްޓްރެޗާ ވެއްދޭ ވަރުގެ ޖާގަ ހުރި ލިފްޓު ހަރުކުރާނެ ކަމަށެވެ.
މިހާރު ހަރުކުރަމުންދާ ލިފްޓުތައް ހަރުކުރަމުންދާއިރު ސްޓްރެޗާ ހިމެނޭ ލިފްޓްތައް ވެސް އޭގަ ހިމެނޭނެ. އެހެންވީމަ ހިޔާ ފްލެޓްތަކުގަ ހަރުކުރެވޭ ލިފްޓުތަކުގެ މަޝްރޫޢު ނިމޭއިރު އިރާދަކުރެއްވިއްޔާ ތި ފާހަގަކުރެއްވި ކަންތަކައް ހައްލެއް ލިބޭނެ
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ރައީސް ވަނީ ހިޔާ ފްލެޓުތައް ހެދުމަށް އާންމުންގެ އަތުން ދިޔަ ހަރަދުގެ އެވަރެޖު އަގެއް ހެދުމަށްފަހު، އެ އަގު އެމަނިކުފާނުގެ ވެރިކަމެއްގައި ރައްޔިތުންނަށް ދެއްވާނެ ކަމަށްވެސް ވައުދުވެވަޑައިގެންފައެވެ. އެމަނިކުފާނު މިހާރު ވަނީ ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓް ހަރުކުރުމަށް މަޝްރޫޢުއެއް ފަށާފައެވެ.