ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރި 29 ވެހިކަލެއް ޓޯ ކޮށްފި
މާލޭގެ ސިނާއި ސަރަހައްދާއި މާފަންނުގެ އެކި އެ ސަރަހައްދުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ޕާކުކޮށްފައި ހުރި އުޅަނދުތަކެއް ފުލުހުން ޓޯ ކޮށްފިއެވެ.
ފުލުހުންގެ އިދާރާގެ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ރޭގެ އެކި ވަގުތަކުގައި އެ ސަރަހައްދުތަކުން ޖުމުލަ 29 އުޅަނދެއް ނަގާފައިވާ ކަމަށެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 235 އުޅަނދު ވަނީ ޓޯކޮށްފައެވެ.
މިމަސައްކަތުގެ ތެރެއިން އެންމެ ގިނަ އުޅަނދު ނަގާފައިވަނީ މިދިޔަ އަންގާރަދުވަހުއެވެ. އެދުވަހު 60 އުޅަނދު ޓޯ ކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެ އުޅަނދުތައް ނަގާފައިވަނީ ތާޖުއްދީން ސްކޫލް ހިމެނޭ ސަރަހައްދުންނެވެ.
މިމަސައްކަތަކީ މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރުމުގެ ސަބަބުން އާއްމުންނަށް ދިމާވާ ދަތިތަކާއި ގުޅޭ ޝަކުވާތައް ޙައްލުކުރުމަށް ފުލުން ފަށާފައިވާ މަސައްކަތެކެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި އުޅަނދުތައް ޓޯކޮށްފައިވަނީ ސްކޫލު ޒޯންތަކަށް އުނދަގޫވާނެހެން ހުންނަ ތަންތަނުންނާއި މާލޭގެ ބޮޑެތި އަދި ގިނަ މިހުން ބޭނުންކުރާ މަގުތަކުންނެވެ.