މޮސްކޯއަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައީސްގެ ތައުޒިޔާ

ރަޝިޔާގެ ވެރިރަށް މޮސްކޯގައި ދިން ޓެރަރިސްޓް ޙަމަލާގައި ކުށެއްނެތް ސަތޭކައަށްވުރެ ގިނަ މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވުމާ ގުޅިގެން، ރަޝިޔާގެ ފެޑެރޭޝަންގެ ރައީސް ވްލަޑިމިއާ ވީ ޕޫޓިންއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސްގެ މެސެޖުގައި ވިދާޅުވީ ޓެރަރިޒަމްގެ މި ބިރުވެރި ޙަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށާއި، ޓެރަރިޒަމްގެ ހުރިހާ ބާވަތެއް ކުށްވެރިކުރުމުގައި ދިވެހި ސަރުކާރުން ދެމިއޮންނާނެ ކަމަށެވެ.
އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ރަޝިޔާގެ ސަރުކާރަށާއި ރައްޔިތުންނަށާއި، މި ހަމަލާގައި މަރުވި މީހުންގެ ޢާއިލާތަކަށާއި، ހާލުގައި ޖެހުނު ފަރާތްތަކަށް ތަޢުޒިޔާ ދަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.