މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މިސްރާބު ހުރީ ހަމަ މަގަށް ނޫން ކަމަށާއި، މިސްރާބުހުރީ އަނދަވަޅަކާއި ދިމާލަށް ކަމަށް ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިންގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ އެހެން ވިދާޅުވީ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.
ޝާހިދު ކުރެއްވި ޕޯސްޓުގައި ވަނީ، މި ސަރުކާރު އައިފަހުން ދ. ކުޑަހުވަދޫ އަބްދުލް ވާހިދްގެ ދަރިފުޅުގެ ހިތުގެ ބައްޔަށް ފަރުވާކުރުމަށް ހޯދަން ބޭނުންވާ ބޭސް އާސަންދައިން ގަތުމަށް ފައިސާ ނުދޭ ކަމަށް ވިދާޅުވެފައެވެ. އަދި ދާއިމީ ބަލިތަކަށް ބޭނުންވާ ބޭސް، އާސަންދަ މެދުވެރިކޮށް މެދުނުކެނޑި ލިބުމަކީ ކޮންމެ ދިވެއްސަކަށް ލިބިގެންވާ ހައްގެއްކަން ފާހަގަކުރައްވާފައިވެއެވެ.
އެ ޕޯސްޓަށް ރައްދު ދެއްވައި ހީނާ ވިދާޅުވީ، ހަކީމްގެ ދަރިފުޅަށް ބޭސް ގަތުމަށްފަހު ހުށައަޅާފައިިވާ ބިލަށް އެންމެ ފަހުން ފައިސާ ހަމަޖައްސާފައިވަނީ މި ސަރުކާރުން މިދިޔަ އަހަރު ޑިސެމްބަރ މަހު ކަމަށެވެ.
އިތުރަށް ހީނާ ވިދާޅުވީ، ބިލްތައް ރިފަންޑް ކުރަނީ އާސަންދައިން ނޫން ކަމަށާއި، ރާއްޖެއިން ނުލިބޭ ބޭސް ގަތުމަށްފަހު އެ އޮންނަ އުސޫލުގެ ތެރެއިން ބިލް ހުށައެޅުމުން ކޮންމެ ރައްޔިތަކަށްވެސް އެންސްޕާއިން އެފައިސާ ރިފަންޑްކޮށްދެމުންދާ ކަމަށެވެ.
"އެއީ ވަކި ސަރުކާރެއް އޮވެގެން ނުވަތަ ނެތިގެން ވާކަމެއްނޫން. ކުރިއަށްއޮތްތަނުގައިވެސް ޢަބްދުލްވާޙިދުގެ ދަރިފުޅުގެ ބޭސްގަތުމަށް އެންސްޕާއިން ދޭންޖެހޭ އެހީ ލިބޭނެ. އަދި މިސަރުކާރުން މިހާތަނަށް އެތައް ފަރާތަކަށް މިގޮތަށް ރިފަންޑްކޮށްދީފައިވާނެ،" ކަމަށް ހީނާ ވިދާޅުވިއެވެ.
އަދި އެމްޑީޕީން ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ކެމްޕޭން ކުރުމަށް ބޭނުންކުރަމުންދާ ޝިއާރު "މިސްރާބު ހަމަ މަގަށް" ރައްދު ދެއްވާ، އެމްޑީޕީގެ މިސްރާބުހުރީ "ހަމަ މަގަކަށްނޫން. އަނދަވަޅަކަށް" ކަމަށް ވިދާޅުވެފައިވެއެވެ.
އަދި މިދިޔަ ސަރުކާރުގައި ބައި އިލެކްޝަންތަކާއި ދިމާކޮށް، އާސަންދަ އާއި އެންސްޕާގެ މޭޒު އެ ދާއިރާތަކުގައި ބަހައްޓައިގެން އެމްޑީޕީ މެމްބަރުން ބޭނުންވާ ބަޔަކަށް އުސޫލާ ހިލާފަށް ކަންކަންކޮށްދިންކަމަށް ހީނާ ތުހުމަތު ކުރައްވާފައިވެއެވެ.
އެމ.ޑީ ގ މިސްރާު ހުރ ޑީއާރޕ އާއ ދިމާލަް