ޚަބަރު

ފަތުރުވެރިއާގެ ތަކެތި ނުހޯދޭތީވެ ފުވައްމުލަކު މޭޔަރު ކަންބޮޑުވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން
ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގް/ ފޮޓޯ: ރައީސް އޮފީސް

އާބާދީގައި ނުވަހާހެއްހާ މީހުން ދިިރިއުޅޭ ފުވައްމުލަކު ސިޓީއަށް ޗުއްޓީއަށް ގޮސް އުޅޭ ފަތުރުވެރިއެއްގެ އަގުބޮޑެތި ތަކެތި ވަގަށް ނެގި މައްސަލާގައި އެ ތަނެތި ލިބިފައިނުވާތީ ފުވައްމުލަކުގެ މޭޔަރު އިސްމާއިލް ރަފީގް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

Ads by STELCO

ފުވައްމުލަކުގެ ދޫނޑިގަމް އަވަށުގައި ހުންނަ ގައި ގެސްޓު ހައުސް އެއް ގައި ޗުއްޓީ ހޭދަކުރަމުންދާ ބްރެޒިލުގެ ފަތުރުވެރިއެއްގެ ދަބަހާއި، ޑްރޯނެއް ވަގަށް ނަގާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެކަން ހިނގީ އެ މޫދަށް އެރި އުޅެނިކޮށް ކަމަށް އެ ފަތުރުވެރިޔާ ކިޔައިދޭ ވީޑިއޯއެއް ސޯޝަލް މިޑީއާގައި ދައުރުވެސްވިއެވެ.

ދަބަސް ތެރޭގައި ފޯނަކާއި، ވޮލެޓެއްގެ އިތުރުން މުހިއްމު ލިޔެކިޔުންތަކެއް ހުންނާނެ ކަމަށް ފަތުރުވެރިޔާ ބުންޏެވެ. ވޮލެޓުގައި 200 ޑޮލަރާއި 1،500 ރުފިޔާ އަދި ކްރެޑިޓުކާޑުތަކެއް އޮންނާނެ ކަމަށްވެސް އޭނާ ކިޔައިދިނެވެ.

ފުލުހުން ބުނީ އެކަން ކުރި މީހުން ދެނެގަނެވިފައިވާ ކަމަށެވެ. އެކަމަކު މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

ރަފީގު މިއަދު ''ދެން'' އަށް ވިދާޅުވީ، އެ މައްސަލައާ ގުޅިގެން އެ ފަތުރުވެރިޔާއާ ބައްދަލުކޮށްފައިވާ ކަމަށެވެ. އެކަމާއި ގުޅޭ މާ ބޮޑު މައުލޫމާތެއް މޭޔަރު ހިއްސާއެއް ނުކުރެއެވެ.

ރަފީގް ވިދާޅުވީ އެ ކަމެއް ހިނގި ދުވަހުން ފެށިގެން ފުލުހުންނާ ގާތުން އަޕްޑޭޓް ހޯދަމުންދާ ކަމަށް. އެކަމަކު އަދި މިހާތަނަށް ގެއްލުނު ތަކެތި ހޯދިފައިނުވާ ކަމަށް ފުލުުހުން މައުލޫމާތު ދީފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

''މިގޮތަށް ފަތުރުވެރިއެއްގެ އެއްޗެހި ގެއްލުމަކީ ކަންބޮޑުވާ ކަމެއް، އަގުބޮޑެތި އެއްޗެހި ވީހާވެސް ބޮޑަކަށް ސަމާލުކަން ދީގެން ގެންގުޅެން ރަށަރަށް އަންނަ ފަތުރުވެރިން ހޭލުންތެރިވެސް ކުރުވާނަން'' ރަފީގް ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މި ފަހުން ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި، އެ ސިޓީގައި ޓޫރިސްޓު ފުލުހުންގެ ހިދުމަތް ގާއިމްކުރަން ކައުންސިލުން އެދިފައިވާނެ ކަމަށެވެ. ފަތުރުވެރިންގެ ތަކެތި ގެއްލުމަކީ އާއްމުކޮށް އެ ސިޓީ ގައި ހިނގާ ކަމެއް ނޫންކަމަށް މޭޔަރު ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!