މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް މުހިންމީ މުޖުތަޢުގައި ބައިތިއްބައިގެން ފަރުވާ ދެވޭ ނިޒާމެއް ގާއިމްކުރުން: ރައީސް
މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް މުހިންމީ މުޖުތަޢުގައި ބައިތިއްބައިގެން ފަރުވާ ދެވޭ ނިޒާމެއް ގާއިމްކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި އާންމުންގެ ފަރާތަކުން ވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ އަނބުރާ މުޖްތަމަޢަށް ގެނައުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކާމެދު ސުވާލުކުރައްވާފައެވެ.
އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ މުޖްތަމައުގައި އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަަލަ ކަމަށެވެ. އެއީ އެތައް އަހަރުތަކެއްވެފައިވީ ނަމަވެސް އެކަށީގެންވާ ޙައްލެއް ނުލިބިއޮތް ބޮޑު މައްސަލައެއް ކަމަށާއި މަސްތުވާތަކެތީގެ ވަބާގައި ޒުވާނުންނާއި އެކި އުމުރުފުރާގެ މީހުން ޖެހެމުންދާއިރު މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މެނިފެސްޓޯގައި ހިމަނުއްވާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ނުވަތަ މުޖުތަމަޢުގައި ބައިތިއްބައިގެން ފަރުވާދެވޭނެ އިންތިޒާމަކީ މިކަމަށް އޮތް އެންމެ މުހިންމު ހައްލު ކަމަށް ދެކޭ ކަމަށާއި އެގޮތަށް ފަރުވާ ކުރިއަށްގެންދިއުމަށް ވަޒީރުންގެ މަޖިލީހުގައި އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވި، ސިޔާސަތުތައް ކަނޑައެޅިފައިވާނެ ކަމަށެވެ.
“ކެބިނެޓްގަ ވާނީ މިކަމާ ގުޅޭގޮތުން މަޝްވަރާކުރެވިފަ. ރާއްޖޭގެ ހުރިހާ ސަރަހައްދެއްގަ ރިހެބިލިޓޭޝަން މަރުކަޒުތައް ގާއިމްކޮށް ކުދިން އަނބުރާ ރަނގަޅުކޮށް މުޖްތަމަޢަށް ގެނެސްދެވޭނެ ގޮތަށް ހިނގާ މަރުކަޒުތައް ގާއިމްކުރުމުގެ މަސައްކަތްތައް ކުރުމަށް ވަނީ ނިންމާފަ” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުނަށް ފަރުވާ ދިނުމުގައި ސަރުކާރުން ހިންގާ އެކި ކަހަލަ މަޝްރޫޢުތަކުގައިވެސް ޢަމަލީގޮތުން ބައިވެރިކުރުވައިގެން އަނބުރާ މުޖުތަމަޢަށް ގެނެވޭ ގޮތަށް ކަންކަން ކުރިއަށްގެންދާނެ ކަމަށެވެ.