އިޒްރޭލު މީހުން ރާއްޖެ އެތެރެވުން މަނާކުރާ ގަރާރު ފާސްކޮށްފި
އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން އިޒްރޭލުގެ މީހުން ރާއްޖެ އަށް އެތެރެވުން މަނާކުރުމަށާއި، އެ ގައުމުން ބޭރުކުރާ ތަކެއްޗާއި އުފެއްދުންތައް ރާއްޖެ އަށް އެތެރެކުރުން މަނާކުރުމަށް ގޮވާލައި ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި ގަރާރު ފާސްކޮށްފައިވަނީ ޖަލްސާއަށް ހާޒިރުވެތިބި މެމްބަރުންގެ ތެރެއިން 41 މެމްބަރުންގެ ވޯޓާއެކުއެވެ.
ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ހުށަހެޅުއްވި މި ގަރާރުގައި ވަނީ އިޒްރާއީލުން ފަލަސްތީނުގެ އެކި ސަރަޙައްދު ތަކަށް ދެމުންގެންދާ ނުރައްކާތެރި އުދުވާނީ ހަމަލާތަށް ކުއްވެެރިކޮށް އެހަމަލާތަށް ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ.
އަދި ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރާއީލުން ދެމުންގެންދާ ލާއިންސާނީ އަނިޔާތަށް ކުށްވެރިކޮށް އެއަނިޔާތަށް ހުއްޓާލާ ފަލަސްތީނުގައި އިންސާނީ ހައްޤުތަށް ކަށަވަރުކޮށް، އިޒްރާއީލުން ފަލަސްތީނުގެ ކިބައިން ފޭރިގެންފައިވާ އެންމެހާ ބިންތަކުން ފައިބާ އަދި ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ވެސް ވަނީ ގޮވާލާފައެވެ.
އިޒްރޭލުގެ އަނިޔާތަކާއި ދެކޮޅު ހެދުމުގެ ގޮތުން ރާއްޖެއަށް އިޒްރޭލު ރައްޔިތުން އެތެރެވުން މަނާކުރުމާއި އިޒްރޭލުގައި އުފައްދާ އަދި އެގައުމުން އެކްސްޕޯޓްކުރާ ހުރިހާ ބާވަތެއް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ވެސް އެ ގަރާރުގައި ބުނެފައިވެއެވެ.