ޚަބަރު

ސަރުކާރުން ބަހާ ކާޑު މާދަމާއިން ފެށިގެން ލިބޭނީ އެސްޓީއޯ ކާޑު ގުދަނުން

ރައުފާ ރަޝީދު ، ދެން އޮންލައިން
ކޮންމެ ގޭބިސީއަކަށް ބަހާ ހަނޑުލާއި ފުށް ބަހަނީ.--- ފޮޓޯ: މިހާރު

ރޯދަމަހަށް ހާއްސަކޮށް ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް ހަދިޔާކުރާ ހަނޑުލާއި ފުށް، މާލެ ސަރަހައްދުން ނުގެންދާ މީހުންނަށް އެސްޓީއޯ ކާޑު ގުދަނުން އެ ތަކެތި ދޫކުރަން ނިންމައިފިއެވެ.

Ads by Sosun Fihaara

އެސްޓީއޯއިން ބުނީ ރޯދަ މަހަށް ހާއްސަކޮށްގެން ސަރުކާރުގެ ފަރާތުން ހަދިޔާކުރާ ހަނޑޫ އަދި ފުށް މާލެ ސަރަހައްދުން ނުގެންދެވުނު ފަރާތްތަކަށް އެތަކެތި އެސްޓީއޯ ކާޑު ގުދަނުން ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

ކާޑު ދޫކުރަން ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 13:00އާ ހަމައަށެވެ.

މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް ފުށް ބަސްތާއަކާއި ހަނޑޫ ބަސްތާއެއް ރޯދަމަހު ދިނުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކޮށްފައިވަނީ އެމަނިކުފާނު، ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހުއެވެ.

މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް ދިނުމަށް ހަމަޖެހިފައިވަނީ 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށެވެ.

ރަށްރަށުގެ ރައްޔިތުންނަށް ފޮނުވަން ހަމަޖެހިފައިވާ ކާޑުގެ ބާވަތްތައް ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ މާލެއާއި އަތޮޅުތަކުގެ ރަށްރަށުގެ ކައުންސިލްތަކުންނެވެ.

ސަރުކާރުން ބަހާ ކާޑު ދޫކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ދިވެހީންނަށެވެ. ކާޑު ދޫކުރާނީ ކަރަންޓު މީޓަރުގެ ނަންބަރަށް ބެލުމަށްފަހު ކާޑު ބަލާ އަންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނޯޓުކުރުމަށްފަހު ކަމަށް އެސްޓީއޯއިން ބުނެއެވެ. އެސްޓިއޯއިން ބުނީ އެކުންފުނިން މިމަސައްކަތް ކުރިއަށްގެންދަނީ ސަރުކާރުގެ ވުޒާރާތަކާއި ކައުންސިލްތަކާއި ބައެއް ޖަމިއްޔާތަކުގެ އެހީތެރިކަމާއެކު ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!