ޚަބަރު

ބަންޑާރަ މިސްކިތުގެ ފާހާނާ އަށް ގެެއްލުން ދިން މީހާގެ ބަންދަށް 15 ދުވަސް!

ރައުފާ ރަޝީދު ، ދެން އޮންލައިން

މި ރޯދަ މަހުގެ ތެރޭގައި މާލޭގެ ބަންޑާރަ މިސްކިތުގެ ފާހާނާ އަށް ގެެއްލުން ދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށް، އޭނަގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.

Ads by Hajj Corporation

އެ މައްސަލައިގައި ހައްޔަރުކުރީ 50 އަހަރުގެ ފިރިހެނެކެވެ. އޭނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އަންގާރަ ދުވަހު ވަނީ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

އޭނާގެ ބަންދުގެ މުއްދަތު ފެށިފައިވަނީ އިއްޔެގެ މެންދުރު 14:20 އިން މިމަހު 17 ވާ ބުދަ ދުވަހުގެ މެނދުރު 14:19 އަށެވެ.

މި މައްސަލައިގެ ކޯޓު އަމުރުގައިވާ ގޮތުން އެ މީހާ ކުށްކުރި ކަމަށް ތުހުމަތުކުރެވޭ ވަރަށް ކޯޓަށް ހެކި ލިބިފައިވެއެވެ. އޭގެ ތެރޭގައި ކިތާބީ ހެކީގެ ގޮތުގައި ގެއްލުން ދީފައިވާ ތަކެތީގެ ފޮޓޯ ހުށަހަޅާފައިވާ ކަމަށް ވެސް އަމުރުގައިވެއެވެ.

އޭނާ ބަންދުކުރަން ކްރިމިނަލް ކޯޓުގެ ގާޒީ ސަފްއަތު ޙަބީބު ނިންމެވީ ހުރުމަތްތެރިވެގެންވާ ތަނަކަށް ގެއްލުން ދީފައިވާތީއެވެ.

ރޯދަ މަސްތަކުގައި ވައްކަމުގެ މައްސަލަތައް އިތުރުވާއިރު، ދާދި ފަހުން ވަނީ މިސްކިތަކުން ފަންކާ އެއް ވަގަށް ނެގި މީހަކު ވެސް ހައްޔަރުކޮށްފައެވެ. މީގެ އިތުރުން ދަރުމަވަންތަ މިސްކިތުން ފެން މޯޓަރެއް ވަގަށް ނެގި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!