ޚަބަރު ސިޔާސީ

ދޮގު ހަދާ ވަޒީރުންނަށް މަޖިލީހުން ފިޔަވަޅު އަޅަންޖެހޭ ހާލަތަށް ގޮސްފި: ސޯލިހު

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ކެމްޕޭން ޖަލްސާއެއްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަދައްކަވަނީ - ފޮޓޯ: އެމްޑީޕީ

ސަރުކާރުގެ ބައެއް ވަޒީރުން ދޮގު ހަދަމުންދާ ކަމަށް ތުހުމަތުކޮށް، އެ ވަޒީރުންނަށް މަޖިލީހުން ފިޔަވަޅު އަޅަންޖެހޭ ހާލަތަށް މި ސަރުކާރުގެ އަމަލުތަށް ގޮސްފި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.

Ads by STELCO

ސޯލިހު އެހެން ވިދާޅުވީ މި މަހުގެ 21 ވަނަ ދުވަހު ބާއްވާ މަޖިލީސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ތިމަރަފުށީ ދާއިރާއަށް ވާދަކުރައްވާ ކުރީގެ ޓެކްސް ކޮމިޝަނަރު ފަތުހުﷲ ޖަމީލްގެ ކެމްޕޭނު ބައްދަލުވުމުގައެވެ.

މިދިޔަ ފަސް އަހަރު ވެރިކަން ކުރެއްވި ސޯލިހު ވިދާޅުވީ، ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ރައްޔިތުން މަޖިލީހުގެ ދައުރު ބަޔާންކޮށްފައި އެބައޮތް ކަމަށެވެ. އެ ދައުރަކީ، ސަރުކާރު ޖަވާބުދާރީ ކުރުވުމާއި، ބަޖެޓް ފާސްކުރުމުގެ އިތުރުން ގާނޫނުތައް ހެދުންކަން ސޯލިހު ފާހަގަކުރެއްވިއެވެ. އަދި ވަޒީރުންނާއި ވެރިޔަކަށް ހުންނަ މީހާއާ ސުވާލުކޮށް، މަގާމުން ވަކިކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރުމުގެ ފުރުސަތުވެސް ގާނޫނު އަސާސީން މަޖިލީހަށް ފަހިކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެކަން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ މިފަދަ ވަގުތެއް އަތުވެދާނެ ކަމަށްޓަކައި ކަމަށެވެ. މިއަދުގެ ހާލަތުގެ ގޮތުގައި ސޯލިހު ސިފަކުރެއްވީ، ވެރިކަމުގައި ތިއްބެވި ބޭފުޅުން ދޮގު ހައްދަވައި އޮޅުވާލަވުން ގެންދެވުމެވެ. ވަޒީރުންނަށް ކުުރައްވާ ތުހުމަތުތަކުގެ ތަފްސީލެއް ސޯލިހު ނުދެއްވައެވެ.

މިއަދު މިއޮތީ އެވަގުތު އައިސް ޖެހިފައި. ވެރިކަމުގައި ތިއްބެވި ބޭފުޅުން އެ ހައްދަވަމުންދާ ދޮގާއި، އޮޅުވާލުންތަކުގެ ސަބަބުން މަޖިލީހުގެ ތެރެއިން ފިޔަވަޅު އަޅަންޖެހޭ ހިސާބަށް ހިނގައްޖެ

ސޯލިހު ވިދާޅުވި ގޮތުގައި ބަޖެޓް ބެލެންސާއި ގުޅިގެންވެސް ސަރުކާރުން ގެންދަވަނީ ދޮގު ހަދަމުންނެވެ. ތިން މަސް ދުވަހުގެ ތެރޭގައި ފައިދާގެ ގޮތުގައި 133 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ބުނެ އޮޅުވާލަމުންދާ ކަމަށް ތުހުމަތު ކުރެއްވިއެވެ. އެ ދައްކަނީ ޕްރައިމަރީ ބެލެންސްގެ ވާހަކަ ކަމަށާއި، އޯވަރޯލް ބެލެންސަށް ބަލާއިރު، އެ ދުވަސްތަކުގެ ތެރޭގައި އެއް ބިލިއަން ރުފިޔާ ޑެފިސިޓް ވެފައިވާ ކަމަށް ވިދާޅުވިއެވެ.

މި ސަރުކާރުން ލޯނު ނުނަގާ ކަމަށް ބުނެ އޮޅުވާލަމުންދިޔަ ނަމަވެސް، ޑޮމެސްޓިކް މާކެޓުން 3.3 ބިލިއަން ރުފިޔާގެ ބިލް އިޝޫކޮށް ފައިސާ ނަގާފައިވާ ކަމަށްވެސް އެމްޑީޕީގެ އެޑްވައިޒަރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ސޯލިހު ވިދާޅުވިއެވެ.

ސޯލިހު އެހެން ވިދާޅުވެފައިވާއިރު، ސަރުކާރު ކޯލިޝަނުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި މި މަހުގެ ތިން ވަނަ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަައްމަދު މުއިއްޒު ވިދާޅުވީ، ކުރީ ސަރުކާރުގައި މިދިޔަ އަހަރުގެ މިމުއްދަތުގައި ދައުލަތް އޮތީ 1.6 ބިލިއަން ރުފިޔާގެ ދަރަނީގެ ގޮތުގައި ކަމަށެވެ. ނަމަވެސް، މިއަހަރުގެ މި މުއްދަތުގައި ދައުލަތް އޮތީ 134 މިލިއަން ރުފިޔާގެ އަރަނީގެ ގޮތުގައި ކަމަށެވެ.

އިތުރަށް ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން ދެ ބިލިއަން ރުފިޔާގެ ލޯނެއް ނަގައިގެން މަޝްރޫއުތަކަށް ހަރަދު ކޮށްފައިވަނީ 900 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް، މިސަރުކާރުން ފައިސާ ޗާޕު ނުކޮށް ލޯނު ނުނަގާ 1.2 ބިލިއަން ރުފިޔާގެ މަޝްރޫއު މިހާރު ހިންގަމުންދާ ކަމަށެވެ.

Ads by Allied Insurance
  1. ނާތަހުޒީބް

    ދޮގުހަދާ ކުރީގެ ރައީސުންގެ އެލަވަންސް ކަނޑާލާ ލަގަބް ނަހާ ސެކިއުރިޓީ ހުއްޓާލާހިސާބަށް ގޮސްފި

  2. ކޮޔާ

    ކަލޭ އަނގަމަޑުން ލައިގެން ހުރޭ ޗޯރޭ