ޕާޓީ ގެތަކަށް އެކަނި ކަރަންޓު ދޭން ގޮވާލި މައްސަލަ ޕީއެންސީން ބަލަނީ
ހއ. ދިއްދޫއިން ހަމައެކަނި ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުންގެ ގެތަކަށް ކަރަންޓު ދިނުމަށް އެ ރަށު ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު އަބްދުﷲ ރަޝީދު ރޭ ގޮވާލި މައްސަލަ ކުށްވެރިކޮށް, ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ޕާޓީ (ޕީއެންސީ) އިން ބުނެފިއެވެ.
ރޭ ދިއްދޫގައި ބޭއްވި ޖަލްސާގައި އަބްދުﷲ ރަޝީދު ބުނީ ކަރަންޓު ދޭކަން ވެސް ނަސީބެއް ކަމަށާއި، ކަރަންޓު ދޫކުރަންވީ ގެތަށް ބަލާފައި ވަކިވަކިން ކަމަށެވެ. އަދި އިންތިހާބު ނިމެންދެން ކަރަންޓު ދޭންވީ ޕާޓީ ގޭގެއަށް އެކަނި ކަމަށެވެ.
އެކަމާ ގުޅިގެން ޕީއެންސީން މިއަދު "އެކްސް"ގައި ކުރި ޕޯސްޓުގައި ބުނީ އަބްދުالله ރަޝީދު ދެއްކި ވާހަކަ ވަރަށް ބޮޑު ކުށްވެރިކުރާ ކަމަށެވެ.
މި ވާހަކަތަކަކީ އެއްވެސް ގޮތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތާ އެއްގޮތް ވާހަކަތަކެއް ނޫން ކަމަށް ވެސް ބުނެފައިވެއެވެ.
"މި ޕާޓީގެ ސިޔާސަތެއްވެސް ނޫން. ރައީސް މުޢިއްޒުގެ ސިޔާސަތަކީ ވަކި ފިކުރަކަށް ނުބަލާ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ސިޔާސަތެއް ކަމުގައި ދަންނަވަން," ޕީއެންސީއިން ބުނެފައިވެއެވެ.
މި ކަމާ ގުޅިގެން ސަރުކާރު ކޯލިޝަންގެ މަޖިލިސް ކަންކަމާ ގުޅޭ ތަރުޖަމާނު އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވަނީ މިކަމާ ގުޅިގެން މި މައްސަލަ ބަލައި, އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް އަޅަނީ ކޮން ފިޔަވަޅެއް ކަމެއް ނޫސްވެރިން ސުވާލުކުރުމުން ވެސް އޭނާ ވިދާޅުވެފައިނުވެއެވެ.