ޚަބަރު

އެންޓި ޑިފެކްޝަން ބިލު ރައީސް ތަސްދީގު ކުރައްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެންޓި ޑިފެކްޝަން ބިލު (ޤާނޫނު ނަންބަރު: 2024/3) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤު ކުރައްވައިފިއެވެ.

Ads by MWSC

މި ބިލަކީ 2024 އެޕްރީލް މަހުގެ 1 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

އެންޓި-ޑިފެކްޝަން ޤާނޫނަކީ، ދިވެހިރާއްޖޭގައި ހިންގަމުންދާ މަލްޓި-ޕާޓީ ސިސްޓަމްގެ ދަށުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށް ޤާއިމުކޮށްފައިވާ ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިޚާބުވުމަށްފަހު، އެ އިންތިޚާބުވި ދައުރުގެ ތެރޭގައި، އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން އެ މީހަކު ވަކިކޮށްފިނަމަ، ނުވަތަ އަމިއްލައަށް ވަކިވެއްޖެނަމަ، ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، ނުވަތަ އަމިއްލަ ގޮތުން އިންތިޚާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިޚާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ އެފަދަ މެންބަރެއްގެ ގޮނޑިއާމެދު ޢަމަލުކުރާނޭ ގޮތް ކަނޑައެޅުމާއެކު، އެފަދައިން ގޮނޑި ހުސްވާ ޙާލަތްތަކުގައި ބައި-އިލެކްޝަން ބޭއްވުމާގުޅޭ އުޞޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރުމުގެ ޤާނޫނެވެ.

މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށް ޤާއިމުކޮށްފައިވާ ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރައްޔިތުން އިންތިޚާބުކުރާ މެންބަރުން އެ އިންތިޚާބުކުރެވޭ ދައުރުގެ ތެރޭގައި އެ އިންތިޚާބުކުރި ސިޔާސީ ފިކުރުގައި ދެމިތިބޭ ބައެއްކަން ކަށަވަރުކުރުމާއެކު، ރައްޔިތުން އިންތިޚާބުކުރާ މަޤާމުތަކުގައި ތިބޭ މީހުންނަކީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އަދި، ޢާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަޤީންކަން ލިބިގެންވާ ބައެއްކަމަށް ހެދުން ހިމެނެއެވެ.

ހަމަ އެއާއެކު، މި ޤާނޫނުގެ ދަށުން މެންބަރެއްގެ ގޮނޑި ހުސްވާ ޙާލަތްތަކުގައި ގޮނޑި ހުސްވި ދާއިރާއެއްގެ ބައި-އިލެކްޝަން ބޭއްވުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިދިނުމާއެކު، ބައި-އިލެކްޝަން ބޭއްވުމުގައި ޢަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރައްވާފައިވެއެވެ. އަދި މި ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި މެންބަރުކަމުން އިސްތިޢުފާ ދޭ ނުވަތަ ވަކިވާ މެންބަރުންނަށް ބައި-އިލެކްޝަންގައި ބައިވެރިވުމުގެ ޙައްޤު ލިބިދިނުން ހިމެނެއެވެ.

  1. އަހުމަދު

    ތިކަމުން ގެއްލުންވާނީ ހަމަ ސަރުކާރަށް… މި ފަހަރު އިންތިޚާބުގެ މެޖޯރިޓީ ނުލިބިއްޖެ ނަމަ ސަރުކާރަށް ސަރުކާރު ހިންގުމުގައި ލިބެންއޮތް ފަސޭހަ މަގު ތި ބަންދުވީ…. ސަރުކާރަށްވެސް ދެން މެންބަރަކު ނުގަނެވޭނެ…