ޚަބަރު

ރައީސް މުއިއްޒު އަޒުލު ކުރަން ކުރާ މަސައްކަތުގައި ބައިވެރިނުވާނަން: ޔާމީން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޤާމުން ވަކިކުރަން ބަޔަކު ކުރާ މަސައްކަތުގައި ބައިވެރިވެވަޑައި ނުގަންނަވާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޤާމުން ވަކިކުރަން އެމްޑީޕީން ކުރަމުންދާ މަސައްކަތަށް ތާއީދުކޮށް އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕީއެންއެފްގެ މެމްބަރަކު ދެއްކި ވާހަކަތަކަކާއި ގުޅިގެން އެއީ އެ ޕާޓީގެ ވިސްނުންތޯ ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމުން މިނިވަންވެވަޑައިގަތުމަށްފަހު ހައި ކޯޓު ދޮރުމަތީގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ ޕީއެންއެފްގެ ބޭފުޅަކު ރައީސް މުއިއްޒު މަޤާމުން ވަކިކުރަން ތާއީދުކޮށް ވާހަކަ ދެއްކިނަމަވެސް، އެއީ ޕީއެންއެފްގެ ފިކުރެއް ނޫން ކަމަށެވެ.

އަދި އެއް ބޭފުޅަކަށް ޕީއެންއެފްގެ ފިކުރު ހާމަކުރެވޭނަމަ އެ ބޭފުޅަކީ އެމަނިކުފާނުކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އުސޫލެއް ހަމައެއް ނެތި ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރަން ބަޔަކު ކުރާ މަސައްކަތަކަށް އެމަނިކުފާނު ތާއީދު ނުކުރައްވާނެކަމަށެވެ. އެހެންކަމުން ރައީސް މުއިއްޒު މަޤާމުން ވަކިިކުރަން ބަޔަކު ކުރަމުންދާ މަސައްކަތުގައި ބައިވެރިނުވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

" އަޅުގަނޑުމެން މިކަހަލަ ކޮމްޕަލްޝަންއަށް ބޭސްކޮށްފައި އެއްވެސް ކަހަލަ އުސޫލެއް ނެތި ޑްރައިވް ކުރާ އެޖެންޑާތަކަށް އަޅުގަނޑުމެން ތާއީދެއް ނުކުރާނަމޭ. އެއްވެސް ކަހަލަ އަސާސެއް ނެތި ރައީސް މުޢިއްޒު އަޒުލު ކުރަން ކުރާ މަސައްކަތަކީ އަޅުގަނޑުމެން ބައިވެރިވާނެ މަސައްކަތެއް ނޫނޭ. އެކަމުގައި އަސާސްތަކެއް ހުރެގެން ބޮޑެތި މައްސަލަތަކެއް ހުރެގެން ދާ ކަމަށްވަންޏާ އަޅުގަނޑުމެން އެކަންވެސް ބަލާނަން" ރައީސް ޔާމީން ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!