ސަރުކާރާ އެކު ބަޔަކު ނެތްކަން މި އިންތިހާބުން ދައްކައިދޭނެ: ޝާހިދު
އަންނަ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނަތިއްޖާއިން މި ސަރުކާރާއެކު ބަޔަކު ނެތްކަން ހާމަވެގެންދާނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.
ޝާހިދު އެހެން ވިދާޅުވީ އެމްޑީޕީގެ ''މިސްރާބު ހަމަމަގަށް'' ކެމްޕޭނު ހިނގާލުމަށް ފަހު އާޓިފިޝަލް ބީޗުގައި ޕާޓީގެ މެންބަރުންނާއި ވާހަކަ ދައްކަވަމުންނެވެ.
މިދިޔަ ސަރުކާރުގައި ފޮރިން މިނިސްޓަރުގެ މަގާމުވެސް އަދާކުރެއްވި ޝާހިދު ސިފަކުރެއްވި ގޮތުގައި މިއަދު ގައުމު ވަނީ ''އަނދަވަޅަކަށް'' ވެއްޓިފައެވެ. ވިދާޅުވީ އެ އަނދަވަޅުން ސަލާމަތްވާނީ އެމްޑީޕީއަށް ވޯޓުދީގެން ކަމަށެވެ. އެހެންވެ ޝާހިދު ރައްޔިތުން ގާތު އެދިވަޑައިގެންނެވީ އެމްޑީޕީގެ ކެންޑިޑޭޓުން ހޮވައި ދިނުމަށެވެ. އެއަށް ފަހު ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު ފަހަތުގައި މިއަދު މީހަކު ނެތް ކަމަށެވެ.
ރައީސް ޑރ. މުއިއްޒުގެ މަކަރުވެރި ސަރުކާރުގެ ފަހަތުގައި އެއްވެސް މީހަކު ނެތްކަން އިނގޭ ވަރަށް އެމްޑީޕީއަށް، ތިލަފަތަށް ވޯޓުދެއްވާ
ޝާހިދު ތުހުމަތު ކުރެއްވި ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ''ބޯހިޔާވަހިކަމުގެ'' ގެ ސްކީމުގެ ދަށުން ލިބިފައިވާ ގޯއްޗާއި ފްލެޓްތައް ފޭރޭން މި ސަރުކާރުން ތިބި ތައްޔާރަށެވެ. އަދި ގޯއްޗާއި ފްލެޓް ލިސްޓު ''އޮޅާލާނެ'' ކަމަށްވެސް ވިދާޅުވިއެވެ.
''އަވަހަށް ނުކުމެ ވަޑައިގެން ޑރ. މުއުއްޒުގެ ދޮގު ދޮލަނގު، ކުނިވެ ފުޅަ އަޅަފައިވާ ދޮގު ދޮލަނގު ބޭރުކޮށްލައްވާ'' ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ މެޖޯރިޓީއެއް ކަށަވަރުކޮށްދީފިނަމަ ރައްޔިތުންނަށް ލިބޭ ގޯތި/ފްލެޓް ނުގެެއްލޭނެ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅާނެ ކަމަށެވެ.
އެމްޑީޕީން ބޭއްވި ހިނގާލުމުގައި ކުރީގެ ރައިސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން އެ ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.