ޑިމޮކްރެޓްސްއަށް ލަދުވެތި ނަތީޖާއެއް، އެންމެ ގޮނޑިއެއް ވެސް ނުލިބުނު!

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރަށް ތާއީދުކުރައްވާ މެމްބަރުންތަކެއް އިސްވެ ތިއްބަވައި އުފެއްދި ދަ ޑިމޮކްރަޓްސް ޕާޓީއިން، މިއަދު ބޭއްވި މަޖިލިސް އިންތިހާބުގައި ވާދަކުރި އެއްވެސް ކެނޑިޑޭޓަކަށް ގޮނޑިއެއް ކާމިޔާބުނުވެ ބޮޑު ބަލިއަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.
އެ ޕާޓީ ތަމްސީލްކޮށް، މި އިންތިހާބުގައި 39 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ.
މަޖިލީހުގެ ގޮނޑިތައް ގިނަ އަހަރުތަކެއް ވަންދެން ފުރުއްވަމުން ގެންދެވި މެމްބަރުން ވެސް ޑިމޮކްރެޓްސްއިން ވާދަކޮށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެން މެމްބަރުންގެ ތެރޭގައި ހިމެނެއެވެ. އޭގެތެރޭގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އަށް ގޮނޑި ދިފާއު ކުރެވިފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިން ދައުރު ހިދުމަތް ކުރެއްވި އީވާ އާއި ވާދަކުރައްވާ ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
މީގެއިތުރުން، އަލީ އާޒިމް އާއި ވާދަކުރައްވާ މެދު ހެންވޭރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ކޮންގްރެސް ކޯލިޝަންގެ ކެނޑިޑޭޓް ހުސެއިން ނާސިހް އެވެ. އަދި އިމްތިޔާޒް ފަހުމީ އާއި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް އެވެ.