"ދިރޮކް"ގެ އާއިލާގެ އެންމެން ކޮވިޑް-19އަށް ފައްސިވެެއްޖެ
ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޑްވޭން ޖޯންސަންގެ އާއިލާގެ އެންމެން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ. އޭނާ އާންމުންނަށް މަޝްހޫރުވެފައި ވަނީ "ދިރޮކް" ގެ ނަމުންނެވެ.
އުމުރުން 48 އަހަރުގެ ޑްވޭން އާއި އޭނާގެ އާއިލާގެ އެންމެން ކޮވިޑް-19އަށް ފައްސިވިކަން ހާމަ ކޮށްފައިވަނި މިދިޔަ ބުދަ ދުވަހުއެވެ. އޭނާ މިކަން ހާމަކޮށް ބުނެފައި ވަނީ އޭނާގެ 35 އަހަރުގެ އަންހެނުންނާއި 2 އަހަރުގެ އަންހެން ދަރިފުޅު ޓިއާނާ އާއި އަދި 5 އަހަރުގެ އަންހެން ދަރިފުޅު ޖޭސްމިން ވަނީ ބައްޔަށް ފައްސިވެފައި ކަމަށެވެ.
ޑްވޭން އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ބުނެފައިވަނީ މިއީ އޭނާގެ އާއިލާއަށް މިހާތަނަށް ކުރިމަތިވި އެންމެ "ޗެލެންޖިންގް" އެއް ކަންތައް ކަމަށެވެ. އަދި އޭނާގެ އާއިލާ އެއްކޮށް ފައްސިވުމުން އެންމެ އިސްކަމެއް ދިނީ އާއިލާ ރައްކާތެރި ކުރުމަށް ކަމަށް އޭނާ ބުނެފައިވެއެވެ.
ޑްވޭން އާއި އޭނާގެ އާއިލާ ކޮވިޑަށް ފައްސިވި ނަމަވެސް މިހާރު ޑްވޭން ވެސް އޭނާގެ އާއިލާގެ އެންމެން ވެސް ވަނީ ބަލިން ރަނގަޅު ވެފައެވެ.