ސުޕަ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފި
ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީ/ޕީޕީއެމް އަށް ރައްޔިތުން ދިން ސުޕާ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ނުކުރާނެ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ މަޖިލީހުގެ ސުޕާ މެޖޯރިޓީ ލިބުމުން އެހެން ވެރިކަން ތަކެކޭ އެއްގޮތަށް މި ސަރުކާރުންވެސް މަޖިލީހުގެ ބާރު ބޭނުންކޮށްގެން ކޮރަޕްޝަންއަށް މަގުފަހިވާނެތޯ ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ 20 މަޖިލީހުން އެފަދަ ކަމެއް ނުފެންނާނެ ކަމުގެ ޔަގީންކަން ދީފައެވެ.
މި ބާރުގެ ބޭނުން ކުރެވޭނީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރުން
ޕީއެންސީގެ ސްޕޯކްސްޕާސަންގެ މަގާމުވެސް އަދާކުރައްވަމުން ގެންދަވާ ހީނާ ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތައް މަޖިލީހުގެ ބާރު ބޭނުން ކުރެވޭނީ ރައްޔިތުންގެ ބޭނުންވާ ކަންތައްތައް ކޮށްދިނުމަށް ކަމަށެވެ. ރާއްޖެ އަމިއްލަ ފައިމައްޗަށް ޖަހައި ކޮޅަށް ނެގުމަށް ބޭނުންވާ މަޝްރޫއުތައް ހިންގުމަށް ކަމަށްވެސް ހީނާ ވިދާޅުވިއެވެ.
"މި ބޭނުން ކުރިން އެފައިދައިން ކުރުމަކީ އެ ބޭނުން މިފަހަރު އެހެން ކުރާނެ ދެވަނަ ސަބަބެއް ނޫން،" ނިމިދޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެމްޑީޕީގެ މެޖޯރިޓީ އޮވެ މަޖިލީހުގެ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރިކަމަށް އިޝާރާތްކޮށް އެންސްޕާގެ ސީއީއޯކަންވެސް ކުރައްވާ ހީނާ ވިދާޅުވިއެވެ.
ސުޕަ މެޖޯރިޓީއާއެކު އެކު ތަރައްގީގެ މަޝްރޫއުތައް ބާރު ދުވެލީގައި ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ ދެއްވާފައެވެ.
ޕީއެންސީ/ޕީޕީއެމް ޓިކެޓުގައި މަޖިލީސް އިންތިހާބު ކާމިޔާބު ކުރީ 66 ކެންޑިޑޭޓުންނާއެކު ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަމެޖޯރީޓީ ހޯދާފައެވެ. ސަރުކާރުގެ ތާއިދާ އެކު އަމިއްލަ ގޮތުން ވާދަކޮށް ކާމިޔާބުކުރި ކެންޑިޑޭޓުންނާއެކު ސަރުކާރަށް ތާއިދުކުރާ މެންބަރުންގެ އަދަދު 77 އަށް އަރާފައެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވާދަކުރި ދާއިރާތަކަށް ޕީއެންސީން ވާދައެއް ނުކުރެއެވެ. ސަރުކާރުން ތާއިދުކުރީ މި ތިން ސިޔާސީ ލީޑަރުންނަށެވެ. ވެލިދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ކެންޑިޑޭޓަކު ވާދަކުރި ނަމަވެސް އެމްޑީއޭގެ ޓިކެޓުގައި އިންތިހާބުވި މުހައްމަދު އައްބާސް އަށް ސަރުކާރުން ތާއިދުއޮތެވެ.
ސަރުކާރުން ލަފާކުރާ ގޮތުން މަޖިލީހުގައި ސަރުކާރާއެކު 80 މެންބަރުން މަސައްކަތްކުރާނެއެވެ. 80 މެންބަރުން ސަރުކާރާއެކު ތިބޭނެނަމަ މަޖިލީހުގައި ސަރުކާރާ ދެކޮޅަށް ތިބޭނީ ވާދަވެރި އެމްޑީޕީގެ 12 މެންބަރުންގެ އިތުރަށް އަމިއްލަ އެންމެ މެންބަރެކެވެ.